06 މެއި 2025 - 15:09

އައްޑޫ ހަންކެނޑެ ބްރިޖުގައި ބާރު ސްޕީޑްގައި ސައިކަލެއް ދުއްވާފައި ދަނިކޮށް ބްރިޖްގެ ފެންސުގައި ޖެހި އެކްސިޑެންޓުވެ، މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހިތަދޫއިން މަރަދޫ އަށް ބްރިޖުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފެންސުގައި ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް މިއަދު ހެނދުނު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އެކަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އެ އެކްސިޑެންޓުގެ ވީޑިއޯ ތަކެއް ދައުރުވަމުންނެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސައިކަލައި ދިޔައީ ދެ ފިރިހެނުންނެވެ. އެ ދެ މީހުން ވެސް ވެއްޓިފައި އޮތްއިރު އެކަކު އޮންނަނީ ފެންސުގެ ބޭރުގަ އެވެ.
ބެލެވޭ ގޮތުގައި ބޮޑަށް އަނިޔާވެފައި ވަނީ އޭނައަށެވެ. އެ މީހާ ވެއްޓިފައި އޮތް ތަނުގައި ގިނަ އަދަދަކަށް ލޭ ވެސް ހުއްޓެވެ.
ހަންކެޑެ ބްރިޖުގައި މިއަހަރު ހިނގި ދެ އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެފައިވެ އެވެ.