06 މެއި 2025 - 13:34

އައްޑޫ މަރަދު އާއި މަރަދޫފޭދޫގެ ހިއްކި ސަރަހައްދުން 251 ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މަރަދޫން ދިރިއުޅުމަށް ދޫކުރާ 175 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ 1،500 އަކަފޫޓުގެ ގޯތިތަކެކެވެ.
މަރަދޫ ހިއްކި ސަރަހައްދުން ގޯތި ދޫކުރަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ކައުންސިލުން ބުނިގޮތުގައި އެއީ މަރަދޫ އަވަށުގެ ރައްޔިތުންނަށް 158 ގޯއްޗާއި އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށް 17 ގޯއްޗެވެ.
އެ ކައުންސިލުން ބުނީ މަރަދޫފޭދޫ ހިއްކި ސަރަހައްދުން ދޫކުރަނީ 1،500 އަކަފޫޓުގެ 76 ގޯތި ކަމަށެވެ. އެއީ މަރަދޫފޭދޫގެ މީހުންނަށް ހާއްސަ ކޮށްފައިވާ 68 ގޯއްޗާއި އައްޑޫގެ އެހެން އަވަށްތަކުގެ މީހުންނަށް ހާއްސަ 8 ގޯއްޗެވެ.
އައްޑޫގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާއިރު، އެންމެންނަށް ވެސް އެ ގޯތިތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް އޮންނާނެ އެވެ. ފޯމު ހުށަހަޅަން ޖެހެނީ އެ ރަށެއްގެ އޮފީހަކަށެވެ.
އައްޑޫން ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން، ގޯތިތަކަަށް ޝަރުތު ހަމަވާނީ ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނުވާ މީހުންނާއި ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ބޯހިޔާވަހިކަމެއް ލިބިފައި ނެތް މީހުންނަށެވެ.