06 މެއި 2025 - 11:27

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ތަކުރާރުކޮށް ގާނޫނާ ހިލާފުވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ، ތަޅުމުން ބޭރުކޮށްލައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނާގެ މައްސަލާގައި ވަނީ، ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އެޑިޓޯރިއަލެއްގެ ތެރެއިން ދައުލަތުގެ މީޑިއާ ހިނގުމަކީ އެއް މަގްސަދު ގޮތުގައި ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް ޕީއެސްއެމް ހިނގަމުން ދަނީ އެ ކަންކަމަށް ބެލުމެއް ނެތި ކަމަށެވެ.
މައްސަލާގައިވާ ގޮތުން ދައުލަތުގެ މީޑިއާ މިވަގުތު ހިނގަމުން ދަނީ ގައުމީ ކަންކަމުގެ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް އަންގައިދިނުމުގެ ބަދަލުގައި ވަކިވަކި ފަރުދުންނާއި އެކި ޖަމާއަތްތަކަށް ވެސް ފުރުސަތު ނުދީ އެވެ.
"ވަކި ބަޔަކަށް ފުރުސަތު ދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގާލައި، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެ ނޫން ވެސް ޒާތީ މަސްލަހަތެއް ހިމާޔަތް ކުރުމަށް ޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެ..." މައްސަލާގައި ބުނެފައިވެ އެވެ.
މި މައްސަލާގައި ވަނީ މިއީ ގާނޫނުގެ ބާރު ކަނޑުވާލައި ގާނޫނަށް އަމަލުނުކުރެވުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރު ލިބޭނެ އަމަލެއް ކަމަށް ސިފަ ކޮށްފަ އެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ނެގި ވޯޓުގައި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ޕީއެންސީގެ 45 މެންބަރުން ދެކޮޅަށް ވޯޓު ދެއްވުމުން މައްސަލަ ބޭރުވީ އެވެ.