ތިން އަހަރަށް ފަހު ޑެފޯ އިންގްލެންޑު ޓީމަށް
ތިން އަހަރަށް ފަހު ޑެފޯ އިންގްލެންޑު ޓީމަށް

ލަންޑަން (މާޗް 17) - ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، ސަންޑަލެންޑަށް ކުޅޭ އުމުރުން 34 އަހަރުގެ ފޯވާޑް ޖަމެއިން ޑެފޯ އިންގްލެންޑް ގައުމީ ޓީމަށް ނަގައިފި އެވެ.

ޑެފޯ އެންމެ ފަހުން އިންގްލެންޑަށް ކުޅެފައިވަނީ 2013 ވަނަ އަހަރު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ޗިލީއާ ދެކޮޅަށެވެ. ޑެފޯ ވަނީ މިހާތަނަށް އިންގްލެންޑަށް 55 މެޗު ކުޅެދީފަ އެވެ.

ޑެފޯ ގައުމީ ޓީމަށް އަލުން ނެގީ އިންގްލެންޑުގެ ސީނިއާ ޓީމުގެ ތިން ފޯވާޑުން މިވަގުތު އަނިޔާގައި ތިބުމުންނެވެ. އެއީ ޓޮޓެންހަމްގެ ހެރީ ކޭން އާއި މެންޗެސްޓާ ޔުނައިޓެޑްގެ ވޭން ރޫނީގެ އިތުރުން ލިވަޕޫލްގެ ޑެނިއަލް ސްޓަރިޖް އެވެ.

ޑެފޯ، 34، އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ކޭން ނެގުމަށް ފަހު އެންމެ ރަނގަޅު ފޯމެއްގައި ހުރި އިނގިރޭސި ފޯވާޑެވެ. އޭނާ ވަނީ ސީޒަނުގެ މިހާތަނަށް 14 ލަނޑު ޖަހައިފަ އެވެ. ޑެފޯގެ އިތުރުން ދެން ފޯވާޑަކަށް ހިމެނީ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑެވެ

"އިންގްލެންޑަށް ކުޅުމަކީ އަބަދުވެސް އުފަލެއް. އެއްވެސް އިރެއްގައި އަލުން ޓީމަށް ކުޅުމުގެ އުއްމީދު ދޫކޮށެއް ނުލަން. އެކަން ހާސިލްވުމަކީ ވާނެކަމެއްކަން އަބަދުވެސް ގަބޫލުކުރިން،" ޑެފޯ ބުންޏެވެ.

އިންގްލެންޑު ޓީމުން މި ފަހަރު ދެން އަލުން ޖާގަ ލިބުނު ކުޅުންތެރިންނަކީ ވެސްޓް ބްރޮމްގެ މިޑްފީލްޑަރު ޖޭކް ލިވަމޯ އާއި ބާންލީގެ ޑިފެންޑަރު މައިކަލް ކީން އާއި ވެސްޓް ހޭމްގެ މިޑްފީލްޑަރު މިކޭލް އެންޓޯނިއޯ އެވެ. އަދި ޔުނައިޓެޑުން މި ވަގުތު ފުރުސަތު ގެއްލިފައިވާ ލޫކް ޝޯ އާއި އެވަޓަންގެ ރޮސް ބާކްލީގެ އިތުރުން ސައުތެމްޓަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޭމްސް ވާޑް-ޕްރައުސް އާއި ނޭތަން ރެޑްމަންޑަށް ވެސް ވަނީ ފުރުސަތު ދީފަ އެވެ.

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ މި ފަހަރު ސްކޮޑުގައި ހިމެނީ އަމިއްލަ މަސައްކަތުން ޓީމުން ޖާގައެއް ހައްގުވާކަން ދައްކުވައިދިން ކުޅުންތެރިން ކަމަށެވެ.

"އަހަރެން ވަރަށް ގާތުން މެޗުތައް ބެލިން. ޓީމުގައި ހިމެނުނު ކުޅުންތެރިން ކްލަބަށް އެ ކުޅުންތެރިންގެ ފެންވަރު ސާބިތުކޮށްދީފި. ޒުވާން ކުޅުންތެރިންނާއި ދުވަސްވީ ކުޅުންތެރިން ވެސް މޮޅަށް ކުޅޭނަމަ ޓީމުން ފުރުސަތު އެބައޮތް،" ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑް ފުރަތަމަ ކުޅޭ މެޗަކީ އަންނަ ބުދަ ދުވަހު ޖާމަނީއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗެވެ. ދެން މި މަހު 26 ވަނަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ނުކުންނާނީ ލިތުއޭނީއާއާ ދެކޮޅަށެވެ.