06 މެއި 2025 - 09:46

މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފެނިފައިވާ ކަމަށާއި އެ މައްސަލައިގައި ބިދޭސީންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލާފައި ދިއުމުން އެ ބެލި އިރު އޭގެ ތެރެއިން 221 ފޮށި ސިނގިރެޓް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރެވޭނީ އޭގެ ނުރައްކާތެރިކަން އަންގައިދޭ ފޮޓޯ އާއި ލޭބަލް ޖަހައި އަދި އެ ތަކެތި ގެންނަން ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ރާއްޖޭގައި ވޭޕް މަނާކޮށް އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިތުރަށް ބޮޑުކޮށްފައި ވާއިރު ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަތަކެއް މިދިޔަ ހަފުތާގައި ވެސް ފެންމަތިވި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު، ޕުލައިވުޑް ޝިޕްމެންޓެއްގައި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވެ އެވެ.
ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައި ވެ އެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓެވެ. ނަމަވެސް، އެތަކެތި އެތެރެކުރި ކުންފުނީގެ ނަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެ އެވެ.