17 މާޗް 2017 - 10:08

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މި މަހު 28 ވަަނަ ދުވަހު މާލޭގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ގައުމީ ޓީމުގެ ޕްރެކްޓިސް އަންނަ އާދިއްތަ ދުވަހު ފަށަން އެފްއޭއެމުން ނިންމައިފި އެވެ.
މި ވަގުތު ރާއްޖޭގައި އެޗް1އެން1 ވައިރަސް ފެތުރެމުންދާތީ، އެފްއޭއެމުން ވަނީ އެ އެސޯސިއޭޝަނުން ކުރިއަށްދާ ހުރިހާ މުބާރާތެއް ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ގައުމީ ޓީމަށް ފުރުސަތު ދިނުމުގެ ގޮތުންނާއި އެހެނިހެން ކަންތައްތަކަށް ބެލުމަށް ފަހު އެސްޓީއޯ މާލޭ ލީގުގެ މެޗުތައް ފަށާނީ ފަލަސްތީނާއި ރާއްޖެ ބައްދަލުކުރާ މެޗަށް ފަހު ކަމަށެވެ.
"ގައުމީ ޓީމުގެ ޕްރެކްޓިސްތައް އަންނަ އާދިއްތަ ދުވަހު ފަށަން ވަނީ ނިންމާފައި. އެއަށް ފަހު ދެން އެސްޓީއޯ މާލޭ ލީގުގެ މެޗުތައް ކުރިއަށްދާނީ. އެއީ މި ވަގުތަށް ހާލަތު ހުރިގޮތަށް ބަލާފައި އެފްއޭއެމުން ނިންމި ނިންމުމެއް،" ޖަވާ ވިދާޅުވި އެވެ.
ގައުމީ ޓީމުން ވަނީ ދާދި ފަހުން އެ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ އެއްބަސްވުން ދާއިމީ ކޮށްފަ އެވެ. އޭނާ ވަނީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދޭން ބޭނުންވާ ކަމަށެވެ. އެފްއޭއެމުން އޭނާ އަށް ކަނޑައަޅާފައިވާ މައިގަނޑު ދެ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުމުގެ އިތުރުން މި އަހަރު ޑިސެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ.
މި ފަހަރުގެ ސްކޮޑުން ދެން ފެންނާނެ އެއް ބަދަލަކީ އެންމެ ފަހުން ލާއޮސްއާ ދެކޮޅަށް މެޗަށް ފަހު ޓީމުން ރިޓަޔަކޮށްފައިވާ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު ނެތްތަނަށް އިތުރު ކީޕަރެކެވެ. ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލްގެ އިތުރުން ދެން ހުރީ ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން އެވެ. އަދި މި ވަގުތު ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ހުރީ އަނިޔާގަ އެވެ.