ރޮނާލްޑޯއަކީ މޮޅު އެކްޓަރެއް: އައިސްލެންޑް ކޯޗު
ރޮނާލްޑޯއަކީ މޮޅު އެކްޓަރެއް: އައިސްލެންޑް ކޯޗު

ސެއިން-އެޓީން، ފްރާންސް (ޖޫން 14) - ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި ހަމަ އެގޮތަށް އޭނާ ވަރަށް މޮޅަށް އެކްޓް ވެސް ކުރާ ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ޔޫރޯގައި ނުކުންނަ އައިސްލެންޑުގެ ކޯޗު ލާސް ލެޖަބެކް ބުނެފި އެވެ.

މުބާރާތުގެ ދެ ވަނަ މަގާމް 2004 ވަނަ އަހަރު ހޯދި އަދި މަޝްހޫރު ގިނަ ކުޅުންތެރިން ޕޯޗުގަލާ ދެކޮޅަށް އައިސްލެންޑް ނުކުންނަ މެޗަކީ، އެ ޓީމު ބޮޑު މުބާރާތެއްގައި ކުޅޭ ފުރަތަމަ މެޗެވެ. އެކަމަކު މެޗުގެ ކުރިން އެ ޓީމުގެ ކޯޗު ދެއްކީ ޕޯޗުގަލް ކުޅުންތެރިންގެ ވާހަކަ އެވެ.

"ޕޯޗުގަލްގައި އެބަހުރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. ހަމައެގޮތަށް އޭނާ އަކީ ވަރަށް މޮޅު އެކްޓަރެއް. އޭނާ އާއި ޕެޕޭގެ ފަރާތުން ފެނުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ހޮލީވުޑުން ޖާގަ ލިބޭ ވަރުގެ އެކްޓްތަކެއް،" ލެޖަބެކް ބުންޏެވެ.

އޭނާ ބުނީ ދަނޑުމަތީގައި މަކަރު ހަދައިގެން ފައިދާ ނަގާ ކުޅުންތެރިންގެ ހަރަކާތްތައް މެޗަށް ފަހު ވީޑިއޯގެ ޒަރިއްޔާއިން ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެތުލެޓިކޯ މެޑްރިޑް އަތުން ރެއާލް މެެޑްރިޑް މޮޅުވި މެޗުގައި ރެއާލަށް ކުޅޭ ޕޯޗުގީސް ޑިފެންޑަރު ޕެޕޭ ވަނީ އެތުލެޓިކޯގެ ކުޅުންތެރިއެއްގެ އަތުން މޫނުމަތީގައި ޖެހުނު ކަމަށް ހަދައި ވެއްޓިގެންފަ އެވެ. އެކަން ރެފްރީ މާކް ކްލެޓެންބާގް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"އޭނާގެ އެކްޓިން ހުރީ ވަރަށް މަތީ ފެންވަރުގައި. އަހަންނަކަށް ނޭގޭ ހޮލީވުޑުގެ ޑިމާންޑްތަކަކީ ކޮބައިކަމެއް. އަހަންނަކީ އެކަމުގެ ޕްރޮފެޝަނަލެއް ނޫން،" އޭނާ ބުންޏެވެ.

އައިސްލެންޑާއި ޕޯޗުގަލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 00:00 ގަ އެވެ.