05 މެއި 2025 - 14:13

ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ނަމުގައި މާލީ ފްރީޒޯނެއް ގާއިމުކުރާ ތަނުގެ ބިންގާ މިއަދު އަޅައިފި އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު ވަނީ ސޮއިކޮށްފަ އެވެ.

މިހާރު ހިއްކަމުން އަންނަ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ގާއިމްކުރާ މާލީ ފްރީ ޒޯނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ، މިއީ ކުރިއަށް އޮތް 50 އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓާ އެކު އިތުރު އިންވެސްޓަރުންނާ އެކު ރާއްޖެ އިން އިގްތިސާދީ ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންސްޓްސްގެ ގްރޫޕް ސީއީއޯ ނަދީމް ހުސައިން ވިދާޅުވީ، އެ ތަނުގެ ފައިނޭންޝަލް ސެންޓަރާ އެކު، އެ ސަރަހައްދު ވާނީ، މާލީ އާ ބަދަލުތަކެއް ފެންނާނެ ސަރަހައްދަކަށް ކަމަށެވެ. އަދި އިތުރު ބޭރުގެ އިންވެސްޓްމެންޓްތަކަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސެންޓަރުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރުގެ ސަރަހައްދެކެވެ. މި ސަރަހައްދުގައި 6,500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބަލާފައިވާއިރު، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެ އެވެ.

މާލީ ފްރީޒޯނެއްގެ ގޮތުގައި ގާއިމުކުރާ އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބޭއިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފައިސާގެ އެކި ގޮތްގޮތުން މުއާމަލާތް ކުރެވޭ ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

މީގެ އިތުރުން، މުސްތަގުބަލަށް އެކަށައަޅާފައިވާ ގަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސަށް އެހީތެރިވެދޭނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

އެމްއައިއެފްސީން ބުނިގޮތުގައި، މި ސެންޓަރު، 2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރާވާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވާސިލުވެވޭނެ އެވެ. މި މަޝްރޫއުގެ މަގްސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމާ އެކު، ފަސް ވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ސެންޓަރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވަން ވަނީ ރާވައިފަ އެވެ.
މި ޕްލޭންގައި ހިމެނެނީ ބައިނަލްއަގުވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި މިސްކިތެއްގެ އިތުރުން އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތަކެވެ.