05 މެއި 2025 - 14:09

ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.

ޗައިނާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ކޮންގް ޝިއަންހުއާ މިއަދު ވަނީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް އެރުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން ހުންނެވި ސަފީރު ވަން ލިޒިންގެ ދައުރު ހަމަވުމުންނެވެ.
ސަފީރުގެ ފަތްކޮޅު ރައީސަށް އެރުވުމަށްފަހު ދެ ބޭފުޅުން ވަނީ މަޝްވަރާތަކެއް ކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި ރާއްޖޭގެ ބޭނުންތަކަށް ޗައިނާއިން އެހީތެރިކަން ދިނުމާ ގުޅޭގޮތުން ރައީސާއި ސަފީރު ވާހަކަ ދެއްކެވި ކަމަށެވެ.
އެންމެފަހުން ހުންނެވި ސަފީރު ވަން ލިޒިންގެ މަގާމުގެ ދައުރު ހަމަވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ޗައިނާއިން އަލަށް ކަނޑައެޅި ސަފީރު ކުރިން ހުންނެވީ އިންޑިއާގެ މުމްބާއީގައި ހުންނަވާ ޗައިނާގެ ކައުންސެލާ ޖެނެރަލްގެ މަގާމުގަ އެވެ.