05 މެއި 2025 - 10:44

މަސްތުވެގެން ހުރެ ލޯންޗު ދުއްވަނިކޮށް، އެކްސިޑެންޓުވި މައްސަލައެއްގައި ރޭ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ލޯންޗު ދުއްވި މ. ކޮޅުފުށި، ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުހައްމަދު، 41 އެވެ.
ފުލުހުން މިއަދު ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާލުން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލައެއްގެ ރިޕޯޓެއް ރޭ 7:26 ހާއިރު ލިބުނު ކަމަށެވެ.
އެވަގުތު އެ ސަރަހައްދަށް ގޮސް ބެލިއިރު، ނަޝާދު ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ހައިވޭގައި ހެޑްލައިޓް ނުދިއްލައި، ހަތަރު ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި ބެލިއިރު އެ ކާރު ދުއްވަން އިން މީހާ ވެސް ހުރީ މަސްތުވެގެން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ފަސް ދުވަހުގެ މުއްދަތަށް ތަހުގީގު ބޭނުމަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.