16 މާޗް 2017 - 20:37

ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗް1އެން1 ރޯގާއިން ރައްކާތެރިކަން ހޯދުން ބޭނުންވާ މާސްކާއި ބޭސް އަދި ބައްޔާ ބެހޭ މައުލޫމާތު ހިމެނޭ ލީފްލެޓް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމްގެ އޮފީހުން ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވަން ފަށައިފި އެވެ.
ފަސްޓް ލޭޑީ އޮފީހުގެ ފަރާތުން ވާހަކަދެއްކެވި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް ވިދާޅުވީ ބައެއް ރަށްރަށުގައި ޕެނެޑޯލް ފަދަ އެއްޗެހި ލިބެން ހުރީ ވަރަށް މަދުން ކަމަށާއި، އެހެންކަމުން އެ ރަށްރަށަށް ބޭސް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އާންމުންނަށް ބަހަން ބޭހާއި މާސްކު ގެނެސްފައި ވަނީ ރާއްޖެއިން ބޭރުން ކަމަށެވެ.
"ހުމަށް އެންމެން ވެސް ގިނައިން ބޭނުންކުރާނީ ޕެނެޑޯލް. އެހެންވެ ޕެނެޑޯލް ޝޯޓޭޖް ވެފައި ހުރި ރަށްރަށަށް ހާއްސަކޮށް އެ ބޭސް މި ފޮނުވަން ތައްޔާރުވަނީ. މީގެ އިތުރުން މާސްކް އަދި މައުލޫމާތު ހިމެނޭ ލީފްލެޓް ވެސް ދޭނަން،"އަދުލީ ވިދާޅުވި އެވެ.
އަދްލީ ވިދާޅުވީ ފަސްޓް ލޭޑީ ފާތުން އަކީ އިޖުތިމާއީ މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށާއި އެ ހަރަކާތުގެ މައިގަނޑު ބޭނުމަކީ ބައްޔަށް ހޭލުންތެރިކުރުވުން ކަމަށެވެ.
އެޗް1އެން1 ޖެހޭ މީހުންގެ އަދަދު ބާރު ސްޕީޑުގައި މައްޗަށް ދާއިރު އެ ބައްޔަށް މިހާތަނަށް 105 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.