03 މެއި 2025 - 23:10

މާލޭގެ ގެއެއްގެ ބެލްކަނީގެ ބައެއް ވެއްޓި، މަގުމަތީގައި ހުރި މީހަކަށް މިރޭ އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބެލްކަނިން ވެއްޓި ޒަހަމްވި އުމުރުން 28 އަހަރުގެ އަންހެނަކަށް އޭޑީކޭ ހޮސޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ނަމަވެސް، ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ، ސޯސަން މަގުގައި ހުންނަ އެ ގޭގެ ދެވަނަ ފްލޯގެ ބެލްކަނިން ބައެއް ވެއްޓި މަގުމަތީގައި ހުރި މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް މިއަދު އިރުއޮއްސި 6:18 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ކަމާ ގުޅޭ އިދާރާތަކަށް ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި ބާވެފައި ހުންނަ ބައެއް އިމާރާތްތަކުގެ ބެލްކަނިން ބައިތައް ވެއްޓި މީގެ ކުރިން ވެސް މީހުންނަށް އަނިޔާވެފައިވެ ތަކެއްޗަށް ވެސް ގެއްލުން ވެފައިވެ އެވެ.
އެފަދަ ހާދިސާއެއް ހިނގާއިރަށް ކަމާބެހޭ ބައެއް އިދާރާތަކުން އެކަހަލަ އިމާރާތްތައް އިންސްޕެކްޓްކުރާ ކަމަށް ބުނުން ފިޔަވައި، އިތުރު ފިޔަވަޅެއް އަޅާތަނެއް ނުފެނެ އެވެ. އެހެންވެ، އާންމުންގެ ފާޑުކިޔުން އެކަމުގައި އަބަދުވެސް އޮވެ އެވެ.