16 މާޗް 2017 - 18:47

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގއ. ކޫއްޑޫއަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރޭ، އުމުރުން 80 އަހަރުގެ މީހަކު މިއަދު މަރުވެއްޖެ އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ ފްލައިޓް ތެރޭގައި މީހަކު މަރުވީ ކޫއްޑޫއަށް ޖެއްސިތަނާ ކަމަށާއި އެ މީހާގެ މަރު ސާބިތުކުރަން ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މަރުވި ފިރިހެން މީހާއާ ބެހޭ މައުލޫމާތެއް ނަޝާދު ނުދެއްވަ އެވެ.
އޭނާ ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ފަހު، އެ މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނެ ކަމަށެވެ.
ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝިފާޒް މޫސާ ވިދާޅުވީ ފްލައިޓް ތެރޭގައި މަރުވީ ކޮލަމާފުށީ މީހެއް ކަމަށާއި އެ މީހާ މަރުވީ ސްޓްރޯކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ މީހާ ރަށަށް ދިޔައީ ބައެއް ސިއްހީ މައްސަލަތަކަށް މާލޭގައި ފަރުވާ ހޯދުމަށް ފަހުގަ އެވެ.
މުޅި ރާއްޖޭގައި ހުމާއި ރޯގާ އާންމުވެ، ސްވައިން ފްލޫ ވެސް ފެތުރެމުން ދާއިރު އެ ބަލީގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ. އެކަމަކު ފްލައިޓް ތެރޭ މަރުވި މީހާ އަކީ ރޯގާގެ އަލާމާތެއް ހުރި މީހެއް ކަމެއް އަދި ނޭނގެ އެވެ.