"ޓޫ އޮފް އަސް" ގްރޭންޑް ފިނާލޭއަށް!
"ޓޫ އޮފް އަސް" ގްރޭންޑް ފިނާލޭއަށް!

އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ވާދަކުރަމުން އަންނަ ދިވެހި ބޭންޑް "ޓޫ އޮފް އަސް" އަށް ގަދަ ފަހަކުން ޖާގަ ލިބި، އެ ޝޯގެ ގްރޭންޑް ފިނާލޭއަށް ރޭ ހޮވިއްޖެ އެވެ.

މި ކާމިޔާބީއާ އެކު އެ ބޭންޑުން ރޭގައި ނެރުނު ބަޔާނެއްގައި ބުނީ މިއީ އަމިއްލަ ކާމިޔާބީއަކަށް ވުރެ ބޮޑަށް ހުރިހާ ދިވެހިންނާއި މި ދާއިރާއިން ކުރިއަށް ދިއުމަށް ހުވަފެން ދެކޭ ހުރިހާ ދިވެހި އާޓިސްޓުންނަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ދިވެހި މިއުޒިކަށް ވެސް އިންޓަނޭޝަނަލް ސްޓޭޖުތަކުގައި ވިދާލެވިދާނެކަން ސާބިތުކޮށްދެވުނު ކާމިޔާބީއެއް ކަމަށް އެ ބޭންޑުން ބުންޏެވެ.

"އަޅުގަނޑުމެން މި ދެއްކީ ހަމައެކަނި އަޅުގަނޑުމެންގެ ހުނަރެއް ނޫން. އަޅުގަނޑުމެންގެ މީހުންގެ ހިތުގެ ވިންދު،" އެ ބޭންޑުގެ ލީޑު ވޯކަލިސްޓް އަދި ގިޓަރިސްޓް އަހްމަދު އަދުހަމް ބުންޏެވެ.

"އަޅުގަނޑުމެން މިތަނަށް އައީ އަޅުގަނޑުމެންގެ ގައުމުގެ އަޑާ އެކުގައި، އަދި މިހާރު އެ އަޑު މުޅި ދުނިޔޭގައި ވެސް ގުގުމަމުން އެބަދޭ."

"ޓޫ އޮފް އަސް" އިން ބުނި ގޮތުގައި، އެ ބޭންޑުން ވަނީ މި ޝޯގައި އަމިއްލަ މިއުޒިކާއި ދިވެހި މިއުޒިކާ އަދިވެސް އެކި ބާވަތުގެ މިއުޒިކާ އެކު ރަނގަޅު ޕާފޯމަސްތަކެއް ދެވިފަ އެވެ. އަދި އެ ޕާފޯމަންސްތަކަށް ޖަޖުންނާއި އާންމުންގެ ބޮޑު ތަރުހީބެއް ލިބި، ގިނަ ބަޔަކު ޝައުގުވެރި ކުރުވި އެވެ. އެހެންވެ، އެ ބޮޑު ތަރުހީބަށް އެ ބޭންޑުން ޝުކުރުވެރިވެ އެވެ.

"ބެޓުލް އޮފް ބޭންޑްސް" އަކީ އިންޑިއާގެ ދައުލަތުގެ މީޑިއާ، ދޫރްދަރްޝަން އިން ގެނެސްދޭ ލަވަ މުބާރާތެކެވެ. މިދިޔަ ތިން އަހަރު ހަމައެކަނި އިންޑިއާގެ ބޭންޑުތައް ބައިވެރިކޮށްގެން ގެނެސްދިން މި ޝޯ މި އަހަރު ގެނެސްދެނީ ބޭރު ގައުމުތަކަށް ވެސް ފުރުސަތު ދީގެންނެވެ. އެހެންވެ، ރާއްޖޭގެ ފަރާތުން މި މުބާރާތުގައި ބައިވެރިވީ ޒުވާން ބޭންޑް "ޓޫ އޮފް އަސް" އެވެ.

އަދުހަމްގެ އިތުރުން މި ބޭންޑުގެ ބައިވެރިންނަކީ އަބްދުﷲ ޝަމްރޫހް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.

ރާއްޖޭގެ އިތުރުން މި ޝޯގައި މޮރިޝަސް، ތަޖިކިސްތާން، އަފްގާނިސްތާން، ސިންގަޕޫރު، ރަޝިއާ، ސްރީ ލަންކާ، ނޭޕާލް، ސްޕެއިން އަދި އިނގިރޭސިވިލާތުގެ ބޭންޑުތަކުން ވާދަކުރެ އެވެ.