03 މެއި 2025 - 11:29

ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު ކުރިއަށް ގެންދާނީ ޒުވާނުންނަށް އެލަވަންސެއް ވެސް ލިބޭނެ ގޮތަށް ކަމަށާއި އެކަމަށް ބޭނުންވާ ގާނޫނު ވަރަށް އަވަހަށް ފާސްކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދެއްކި ޕްރެޒެންޓޭޝަންގައި ރައީސް މުއިއްޒު ވިދާޅުވީ، މިހާރު އިއުލާނު ކޮށްފައިވާ ގައުމީ ހިދުމަތުގެ ޕްރޮގްރާމަށް ހާއްސަ ގާނޫނެއް ވަރަށް އަވަހަށް ފާސްކުރާނެ ކަމަށެވެ.
މިއީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ އޯލެވެލް ނިންމައި ވަޒީފާ ނުލިބި ތިބި ކޮންމެ ޒުވާނަކަށް ވެސް ވަރަށް މުހިންމު ފުރުސަތަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ގާނޫނު އެކުލަވާލާއިރު، އިތުރު ތަފްސީލްތައް ކަނޑައަޅާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެލަވަންސެއް ވެސް ހަމަޖައްސާނެ ކަަމަށެވެ.
"ފައިނަލް ކުރުމުގެ މަރުހަލާގައި މިއުޅެނީ. ގާތްގަނޑަކަށް 6،000 ރުފިޔާގެ އެލަވަންސެއް އޮތް ޕްރޮގްރާމެއް ފަށާއިރު ދޭން މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން މިލިޓަރީ ތަމްރީނާއި އަހުލާގާއި އެކި ކަހަލަ ކަންކަން ދަސްކޮށްދީ، މުޖުތަމައަށް ނިކުންނަށް ތައްޔާރު ކުރާނެ ކަމަށާއި ޕްރޮގްރާމް ނިންމުމަށް ފަހު، ބޭނުން ނަމަ ސިފައިންގެއަށް ވަދެ ނުވަތަ އަމިއްލަ މަސައްކަތަށް ތައްޔާރުކޮށް ދޭނެ ކަމަށެވެ.
މަސައްކަތްތެރިން އިތުރު ކުރުމަށާއި ޒުވާނުން ބާރުވެރިކުރުވުމަށް މިއީ ރަނުގެ ފުރުސަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.
ގައުމީ ހިދުމަތުގެ ޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.