03 މެއި 2025 - 10:11

ޑިމޮކްރެސީ އަށް ރާއްޖެ ކުރަމުން އަންނަ ދަތުރުގައި ފަހަތަށް ސޮއްސާލިޔަ ނުދިނުމަށްޓަކައި، ތެދު ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން ކުރަމުން އަންނަ މަސަައްކަތުގައި ފަސްޖެހުމެއް ނެތި ތިބުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމުގައި ނޫސްވެރިން އަދާކޮށްފައިވާ ބުރަ ދައުރު ފާހަގަކުރައްވައިފަ އެވެ.
އިބޫ ވިދާޅުވީ، މި ދަތުރުގައި ރާއްޖެ އިން ހޯދާފައިވާ ކުރިއެރުންތަކުން ފަހަތަށް ސޮއްސާލާފާނެ ކަމުގެ ބިރު އޮތް މި ދަނޑިވަޅުގައި، ޖެހުލެއް ނެތި ކަންކަމުގެ ހަގީގަތް ހޯދަން ނޫސްވެރިން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލައިގެން ދެމިތިބުން ވަރަށް މުހިންމު ކަމަށެވެ.
ކޮންމެ އަހަރެއްގެ ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މެއި މަހުގެ ތިން ވަނަ ދުވަހެވެ.
ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" (އާރުއެސްއެފް) އިން ކޮންމެ އަހަރަކު އާންމު ކުރަމުން އަންނަ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ ވަނީ މިދިޔަ އަހަރަށް ވުރެ ދެ ދަރަޖަ ކުރިއަށް ޖެހިފަ އެވެ.
ދެ ދަރަޖައިގެ ކުރިއެރުމަކާއެކު 104 ވަނައަށް ރާއްޖެ ޖެހިލިނަމަވެސް، ސްކޯ އަކަށް މާ ބޮޑު ފަރަގެއް ނާދެ އެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް އަދިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރުމުގައި އުނދަގޫ ގައުމުތަކުގެ ތެރޭގަ އެވެ.