ފ.އަތޮޅު މަޝްރޫއާ ދެކޮޅު ބެނާ ޕްރިންޓްކުރި ކަމުގެ ތުހުމަތަށް ޝާވިން ޕޮލިހަށް ހާޒިރުކޮށްފި
ފ.އަތޮޅު މަޝްރޫއާ ދެކޮޅު ބެނާ ޕްރިންޓްކުރި ކަމުގެ ތުހުމަތަށް ޝާވިން ޕޮލިހަށް ހާޒިރުކޮށްފި

ސައޫދީ އަރަބިއްޔާ އަށް ފ.އަތޮޅު ވިއްކާލަން އުޅޭ ކަމަށް ބުނެ އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ ކެމްޕޭނަށް ބައެއް ތަކެތި ޕްރިންޓްކޮށްދިން ކަމުގެ ތުހުމަތަށް ކުރީގެ ފިލްމީ ތަރި މުހައްމަދު ޝާވިން ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝާވިން ހާޒިރުކުރީ ބަލަމުންގެންދާ މައްސަލައަކާ ގުޅޭ ގޮތުން މައުލޫމާތެއް ސާފުކުރުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝާވިންގެ ޗެޓްލޮގެއްގައި ބުނެފައި ވަނީ މެންދުރުފަހު 1:15 ހާއިރު އޭނާ ފުލުހަށް ގެންދިޔައީ "ފ ޕްރިންޓްކޮށްގެން" ކަމަށެވެ.

އާޓުގެ އެކި މަސައްކަތްތައް ކުރާ ޝާވިން އަކީ ޓީޝާޓާއި ބެނާ ފަދަ ތަކެތި ޕްރިންޓްކޮށްގެން އާމްދަނީ ހޯދަމުން އަންނަ މީހެކެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ހޮނިހިރު ދުވަހު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު، ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭން ބޭރުގެ އިއްޒަތްތެރިންނާ ދެކޮޅު ހަރަކާތްތައް ހުއްޓުވާނެ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ފ. އަތޮޅުގައި ހިންގަން އުޅޭ ކަމަށް ބުނާ މަޝްރޫއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވައި އެ ކަންކަމުގައި ބޭނުންކުރާ ބެނާ ފަދަ ތަކެތި ވެސް އަތުލައިފަ އެވެ.

ސައޫދީއަށް ފ. އަތޮޅުން ބައެއް މިލްކުކޮށްދޭން އުޅޭ ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކުރެ އެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި ފ. އަތޮޅަށް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އަންނާނެ އެވެ.