02 މެއި 2025 - 11:21

ކުޑަކުދިންގެ އައިސީޔޫގައި ފެތުރުނު ނުރައްކާތެރި ބެކްޓީރިއާގައި ހާލު ދެރަވި ކުދިން ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ރޭ ބުނެފި އެވެ.
ނާޒުކު ހާލަތުގައި އެންއައިސީޔޫގައި ތިބި ކުދިންތަކެއްގެ ގައިން ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
އެކަމުގެ ތަފްސީލާއެކު ރޭ ނެރުނު ބަޔާނެއްގައި ބުނީ 28 ހަފުތާއަށް ވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓުކޮށް، ފަރުވާ ދެމުން ދިޔަ ކުއްޖެއްގެ ގައިން މާޗު 27 ގައި ނެގި ސާމްޕަލްއަކުން އެމްޑީއާރު "ބާކޯލްޑޭރިއާ ސްޕޭޝިއާ" ފެނިފައިވާ ކަމަށެވެ.
އެއާ އެކު، އެ ތަނުން އިތުރު ސާމްޕަލް ނަގައި އިންފެކްޝަން ކޮންޓްރޯލްކުރަން ފިޔަވަޅުތައް އެޅި ކަމަށް ބުންޏެވެ.
ބަޔާނުގައި ބުނީ ފަހުން އިތުރަށް ނެގި ސާމްޕަލްތަކުން އެންއައިސީޔޫގެ ވެންޓިލޭޓަރުގައި ތިބި އިތުރު ހަތަރު ތުއްތުކުއްޖެއްގެ ގައިން އެ އިންފެކްޝަން ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދުވަސް ނުފުރާ ވިހެއި ތިން ކުދިން އަދި ދުވަސް ފުރާ ވިހެއި ކުއްޖަކު ހިމެނެ އެވެ.
އެ އިން ކޮންމެ ކުއްޖެއްގެ ކްލިނިކަލް ހާލަތަށް ބަލައި އެންޓިބަޔޮޓިކް ފަރުވާ ދެމުން އަންނައިރު، އެ ކުދިންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖެ އިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި، ޖަރާސީމު ފެތުރުން ހުއްޓުވަން އެ ހުރިހާ ކުދިން އައިސޮލޭޓުކޮށް އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ. އެއާ އެކު، އިންފެކްޝަން ފެތުރުން ވަނީ ހުއްޓިފަ އެވެ. މިދިޔަ މަހުގެ 15 ގެ ފަހުން އިތުރު ކޭހެއް ރިޕޯޓުކޮށްފައި ވެސް ނުވާ ކަމަށް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުން ބުންޏެވެ.
މި ވައިރަސް ފެނުނު ފަހުން 84 ކުދިންނަށް އެންއައިސީޔޫގައި ފަރުވާ ދީފައިވެ އެވެ. މި ވަގުތު ވެސް 10 ކުދިން އެޑްމިޓުކޮށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި އެ ވައިރަސް ޖެހިފައި ތިބި ފަސް ކުދިން ހިމެނެ އެވެ.