01 މެއި 2025 - 14:31

ތައިލެންޑަށް ދަތުރުކުރާ ބޭރުގެ ގައުމުތަކުގެ ރައްޔިތުން ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރަންޖެހޭނެ ގޮތަށް އެ ގައުމުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.
ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތައިލެންޑްގެ އިމިގްރޭޝަން ގާނޫނަށް ގެނައި ބަދަލުގެ ދަށުން މެއި 1 އަކުން ފެށިގެން އެ ގައުމަށް އެތެރެވާ، ދިވެހިން ވެސް ޑިޖިޓަލް ކާޑު ފުރިހަމަކުރަންޖެހޭނެ ކަމަށެވެ.
އެ ފޯމު ފުރިހަމަ ކުރަންޖެހެނީ ތައިލެންޑަށް ދަތުރުކުރުމުގެ ތިން ދުވަސްކުރިން ކަމަށް އެމްބަސީން ބުންޏެެވެ. އެ ގައުމުގެ އިމިގްރޭޝަން ވެބްސައިޓުން މި ފޯމު ލިބޭނެ އެވެ.
ފޮރިން މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި އޭގެ ސަބަބުން ރާއްޖެ އާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް ނާދެ އެވެ. ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް 90 ދުވަހުގެ އެންޓްރީ ވިސާގައި އެ ގައުމަށް ދަތުރުކުރެވޭނެ ކަމަށް ބުންޏެވެ.
އެކަމަކު އެ ގައުމަށް ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުމަށް އިލްތިމާސްކުރި އެވެ. އަދި ބޭރުގައި އުޅޭއިރު އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިވުމަށް ވެސް އިލްތިމާސްކުރެ އެވެ.