30 އެޕްރީލް 2025 - 22:45

ގްރޭޑު އެކެއްގެ ދަރިވަރަކު ސްކޫލު ގަޑީގައި ސްކޫލުގެ ގޭޓުން އެކަނި ނިކުމެގެން ދިޔަ މައްސަލައެއް އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެއީ ހުޅުމާލޭ ސްކޫލެއްގައި ކީ-ސްޓޭޖް 1ގެ ދަރިވަރަކު ސްކޫލު ގަޑީގައި، ޓީޗަރުން ބޭނުންކުރާ ގޭޓުން ނުކުމެގެން ދިޔަ މައްސަލައެކެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައީ މިއަދު ހަވީރު 3:11 ގައި ކަމަށެވެ.
މިނިސްޓްރީ އާއި އެ ސްކޫލުން ފުލުހުންގެ އެހީތެރިކަމާއެކު ކުރި މަސައްކަތުން 3:30 ހާއިރު އެ ކުއްޖާ ފެނިފައިވާ ކަމަށާއި އަދި އެ ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު މިވާހަކަ މިދަންނަވާލީ ދެ ބޭނުމެއްގައި. އެންމެ ފުރަތަމަ ކަމަކީ މިފަދަ ކަމެއް ހިނގީމާ، އެކަމެއް ނުފޮރުވާ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ފާހަގަކުރުން،" އެ ޕޯސްޓުގައިވެ އެވެ.
"މި ސްކޫލުގައި މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައިވާ ނުވަތަ ފާރަވެރިއަކު ހުންނަންޖެހޭގޮތަށް ނިންމާފައިވާ ގޭޓަކަށް ވީހިނދު، ދަރިވަރަށް ގޭޓުން ނުކުމެވުނީ ކީއްވެގެންތޯ ދެނެގަނެ އެފަދަ ކަމެއް ތަކުރާރު ނުވާނެފަދަ ގޮތަށް ފިޔަވަޅު އަޅާނެ."
އެކުއްޖާއަށް ގޭޓުން ބޭރަށް ދާން ފުރުސަތު ލިބުނު ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.