30 އެޕްރީލް 2025 - 16:48

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްޑީޕީއާ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރި އަދި މިހާރު ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނާރާ އޮތް އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވައިފި އެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފެބްރުއަރީ 19، 2012 ގައި އިސްލާމިކް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ދުވަހުގެ ފޮޓޯއަކާ އެކު، ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އެ ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އޭނާ ހިދުމަތް ކުރެއްވި އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފި ކަމަށެވެ.

"މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން. އިންޝާ ﷲ،" މި ސަރުކާރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ޝަހީމް ވިދާޅުވި އެވެ.
ޕީޕީއެމް އުވުނު ފަހުން ޝަހީމް އަދި އެއްވެސް ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވަ އެވެ. އޭނާ ވަނީ މެދުކެނޑުމެއް ނެތި 12 އަހަރު ވަންދެން އަދާލަތު ޕާޓީގައި އުޅުއްވައިފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން އަދާލަތު ޕާޓީ އޮތީ ސިޔާސީ ގޮތުން އެއްވެސް ކަމަކާ ނުބެހި ހިމޭނުންނެވެ. އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވެސް ދިރިއުޅުއްވަނީ ތައިލެންޑުގަ އެވެ. އެކަމަކު، މި ސަރުކާރުގެ އެކި ކަންކަމަށް ފާޑުކިއުމާ އަދާލަތު ޕާޓީ ދުރުގައި އޮތަސް އިމްރާން ދޭތެރެދޭތެރެއިން ރައްދު ދެއްވަ އެވެ.