30 އެޕްރީލް 2025 - 12:29

ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބޭންކް ފަންޑް" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފަންޑަކީ ޖަމިއްޔާތައް ބާރުވެރި ކުރުމަށާއި ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން މިދިޔަ އަހަރު ތައާރަފްކުރި ފަންޑެކެވެ.
މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުރިވަރު އަދި މުޖުތަމައަށް ފައިދާހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓަކަށް 200،000ރ. ގެ ހިލޭ އެހީ ދޭނެ އެވެ.
ބީއެމްއެލްއިން ބުނީ، މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް 29 މެއި ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުށަހެޅޭނެ ކަމަށެވެ.
މިފަންޑަށް އެދި ހުށަހެޅޭނީ ގައުމީ އެސޯސިއޭޝަންތައް ފިޔަވައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށް އެކަނި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
މި ފަންޑުގެ އިތުރުން ބީއެމްއެލްއިން ވަނީ 2019 އިން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ހިންގި ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދިޔަ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.