30 އެޕްރީލް 2025 - 16:16

މުސާރަ ތައްޔާރުކުރާ ސިސްޓަމަށް ދިމާވި މައްސަލައަކާ ހެދި މި މަހު ރަށްރަށު އިމާމުންގެ މުސާރަ ލިބުން ލަސްވާނެ ކަމަށާއި މައްސަަލަ ހައްލުކޮށް މުސާރަ ދެވޭނެ ދުވަހެއް އަދި ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ރަށްރަށުގައި މަސައްކަތް ކުރާ އިމާމުންގެ މުސާރަތައް ސިސްޓަމަށް އަޅަނީ ކައުންސިލްތަކުން ކަމަށާއި އެ މައްސަލަ ދިމާވީ އެ ސިސްޓަމަށް ކަމަށެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސިސްޓަމަށް ދިމާވި މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކޮށް، މުސާރަ ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެއީ އިންޓާނަލް މައްސަލައެއް ކަމުން މުސާރަ ދެވޭނެ ސީދާ ދުވަހެއް ބުނާކަށް ނޭނގޭ. އަބަދުވާ ކަމެއް ނޫން ކުއްލިއަކަށް މިވީ،" އޭނާ ވިދާޅުވި އެވެ.
އިމާމުންގެ ތެރޭގައި އެލަވަންސް ލިބޭ އިމާމުންނާއި މުސާރަ ލިބޭ އިމާމުން ތިބެ އެވެ. މުސާރަ ލިބެނީ ދާއިމީ ވަޒީފާގައި ތިބޭ އިމާމުންނަށެވެ. މައްސަލަ ދިމާވެ މުސާރަ ލަސްވީ ކިހާ އިމާމުންނަކަށް ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ.