29 އެޕްރީލް 2025 - 20:40

މާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައެއް އަނެއްކާވެސް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހު މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިފައިވަނީ މުހައްމަދު ހިސާމް، 40، މ. އަލުވިމާގެއާގެ އެވެ.
އޭނާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް މިއަދާ ހަމައަށް ބާއްވާފައި އޮތީ މޯޗަރީގަ އެވެ. ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައި އާއިލާއާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެ ގޮތަށް އާއިލާއިން ބޭނުން ނުވާތީ، ހަށިގަނޑު މިއަދުގެ ވަގުތެއްގައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ޖަނާޒާގެ ކަންކަން ނިންމައި މިއަދު އަސުރު ނަމާދަށް ފަހު ވަނީ އާސަހަރާގައި ވަޅުލައިފަ އެވެ.
ގޮތް ނޭނގޭ މަރުތަކާއި މަރުވެފައި އޮއްވައި މީހުން ފެނުމުގެ މައްސަލަތައް މި ފަހުން ވަނީ އިތުރުވެފަ އެވެ.
އެފަދަ ބައެއް މަރުތަކުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ވެސް ފުލުހުން ހަދާފައި ވިޔަސް މިފަދަ މަރުތައް ގިނަވި ސަބަބެއް ނުވަތަ އެ މީހުން މަރުވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.