29 އެޕްރީލް 2025 - 20:12

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުމުގެ ގޮތުން ފެސްޓިވަލެއް ބޭއްވުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ބުނީ، "މައި ހުޅުމާލޭ ފެސްޓިވަލް"ގެ ނަމުގައި މި ހަރަކާތްތައް ކުރިއަށް ދާނީ އަންނަ މޭ 10 އިން ފެށިގެން އެއް ހަފުތާގެ މުއްދަތަކަށް ކަމަށެވެ.
މި ފެސްޓިވަލްގެ ތެރެއިން އެކި ދުވަސްތަކަށް ބަހާލައިގެން ހުރިހާ އުމުރުފުރާތަކަށް ހާއްސަ އެކި ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އޭގެ ތެރޭގައި ފޮޓޯ ނެގުމުގެ މުބާރާތަކާއި އާއިލީ ކާނިވަލަކާއި ހުޅުމާލޭ ޑިސްކައުންޓު ވީކާއި ގެލްޓު ކޭމްޕަކާއި ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކެއްގެ އިތުރުން ބީޗް ފެސްޓެއް އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި، މަސް ރޭހެއްގެ އިތުރުން ސައިކްލިން ޗެމްޕިއަންޝިޕެއް ބޭއްވުމަށް ވެސް ވަނީ ނިންމައުފަ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، އެ ރަށުގައި މީހުން ދިރިއުޅެން ފެށީ މޭ 12، 2004 ގަ އެވެ.
ހުޅުމާލެ މަޝްރޫއަކީ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1997 ގައި ފެށި ބޮޑު މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އޮކްޓޯބަރު 16، 1997 ގައި ފައްޓަވައި ދެއްވީ އޭރުގެ ރައީސް މައުމޫނެވެ.