"ބޭގަމް ޖާން" ގައި ޗަންކީ ޕާންޑޭގެ ސިފަޔަށް ބޮޑު ތަރުހީބެއް
"ބޭގަމް ޖާން" ގައި ޗަންކީ ޕާންޑޭގެ ސިފަޔަށް ބޮޑު ތަރުހީބެއް

"ބޭގަމް ޖާން" އަކީ ވިދްޔާ ބާލަންގެ ފިލްމެއްގެ ގޮތުގައި ޕްރޮމޯޓް ކުރަމުން ދިޔަ ނަމަވެސް ފިލްމުގެ ފުރަތަމަ ޓްރެއިލާއާ އެކު ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ކުރިން ވަރަށް މަޝްހޫރުވި އެކްޓަރެއް ކަމަށްވާ ޗަންކީ ޕާންޑޭ އެވެ.

ޗަންކީ، 54، އަށް އައިސްފައިވާ އާދަޔާ ޚިލާފު ބަދަލުގެ ސަބަބުން ގިނަ ބަޔަކު ތިބީ ހައިރާން ވެފަ އެވެ. އަދި އެއީ ހަމަ ޗަންކީ ތޯ ވެސް ބައެއް މީހުން ސުވާލު ކުރެ އެވެ. ޗަންކީގެ މި ސިފައަށް ކްރިޓިކްސް ވެސް ވަރަށް ހިތްހަމަޖެހެ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އޭނާގެ ސިފަޔަށް ވަރަށް ތައުރީފުކޮށްފައިވެ އެވެ.

ޗަންކީ އަކީ 80 އަދި 90 ގެ އަހަރުތަކުގައި ބޮލީވުޑްގައި ވަރަށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދި އެކްޓަރެކެވެ. ތިރީހަކަށް އަހަރަށް ދެމިގެން ދިޔަ އޭނާގެ ފިލްމީ ކެރިއަރުގައި 80 އަށް ވުރެ ގިނަ ފިލްމުތައް ކުޅެފައިވެ އެވެ. އޭނާގެ ފިލްމުތަކަށް އެންމެ ބޮޑު ކާމިޔާބެއް ލިބިފައި ވަނީ 1987 އިން 1992 އާ ދެމެދުގަ އެވެ.

ފަހުން ހިންދީ ފިލްމުތަކުން ލިބޭ މަގުބޫލުކަން ކުޑަވެ ބަންގްލަދޭޝް ސިނަމާގައި މަސައްކަތް ކުރަން ފެށި އެވެ. އެގޮތުން 1995 އިން ފެށިގެން އޭނާ ކުޅުނު ބަންގްލަދޭޝް ފިލްމުތަކަކީ ވަރަށް ކާމިޔާބު ފިލްމު ތަކެކެވެ. އަދި 2003 އިން ފެށިގެން ބައެއް ހިންދީ ފިލްމުތަކުގައި ކުދިކުދި ބައިތައް އޭނާ ކުޅެފައިވެ އެވެ.

އޭޕްރީލް 14 ގައި ރިލީޒްކުރާ "ބޭގަމް ޖާން" ގައި ޗަންކީ އާއި ވިދްޔާގެ އިތުރުން ނަސީރުއްދީން ޝާހާއި އީލާ އަރޫން، ގޯހަރް ޚާން އަދި ޕައްލަވީ ޝާރްދާ ހިމެނެ އެވެ.