29 އެޕްރީލް 2025 - 13:46

ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މައްސަލައިގައި، މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު އަޅިވިލާމަގުގެ އައިސްބްރޭކު ކެފޭއަށް ވަދެ، ފައިން ޖަހައި ރެކު ތަޅާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ސްޓާ، މުހައްމަދު ރަޒީން ކަމަށެވެ.
ސާޅީސް ނުވަ އަހަރުގެ ރަޒީންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ރަޒީނަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. އެންމެ ފަހުން ހައްޔަރުކުރީ އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގަ އެވެ. މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ފަސް ދުވަސް ޖެހި އެވެ. އޭނާ އަކީ މަސްތުވާތަކެއްޗާއި ވައްކަން ފަދަ އެކި ތުހުމަތުތަކުގައި ހައްޔަރުކޮށް އަދި ޖަލުގައި ހުކުމް ވެސް ތަންފީޒުކޮށްފައިވާ މީހެކެވެ.