29 އެޕްރީލް 2025 - 11:57

ސުޕަސްޓާރު ޝާހްރުކް ހާން މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ)ގެ ފިލްމެއް ކުޅެން އުޅޭ ކަމަށް ބުނާ ރިޕޯޓްތަކާ އެކު ބޮލީވުޑަށް ޝޮކެއް ލިބިއްޖެ އެވެ.
މި ޚަބަރު މީޑިއާތަކުން ރިޕޯޓްކުރީ މާވެލްގެ ޚަބަރުތައް ގެނެސްދޭ އެކްސް އެކައުންޓެއް ކަމަށްވާ "މާވެލް ލީކްސް"ގައި ޝާހުގެ ފޮޓޯއެއް މިދިޔަ ހޮނިހިރު ދުވަހު ޕޯސްޓުކުރުމުންނެވެ. ޝާހުގެ ފޮޓޯ އެ ޕޯސްޓުގައި ޖެހި ސަބަބެއް އޭގައި ބުނެފައެއް ނުވެ އެވެ.
ނަމަވެސް "މާވެލް ލީކްސް" އަކީ މާވެލް ސްޓޫޑިއޯގެ ފިލްމުތަކާ ގުޅޭ ގޮތުން ތެދު ޚަބަރުތައް މީގެ ކުރިން ވެސް ގެނެސްދީފައިވާ އެކްސް އެކައުންޓަކަށް ވާތީ، މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ޝާހު މާވެލްއާ ގުޅެނީ ކަމަށެވެ.
މާވެލް އިން މި ޚަބަރު މިހާތަނަށް ކަށަވަރުކޮށް ނުދޭއިރު، ޝާހު ވެސް އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ހޮލީވުޑްގެ ސްޓޫޑިއޯތަކުން ވަނީ ޝާހުއަށް ތަފާތު ހުށަހެޅުންތައް ހުށަހަޅައިފަ އެވެ. އެކަމަކު، އޭނާ ވަނީ ހޮލީވުޑްގައި މަސައްކަތްކުރަން އަދި ބޭނުން ނުވާ ކަމަށް އޭރު ބުނެފަ އެވެ.
ޝާހު މާވެލްއާ ގުޅެން އުޅޭ ކަމަށް ބުނާއިރު، މާވެލްގެ ފިލްމުތަކުގައި މަސައްކަތްކުރާ ބައެއް ފަންނާނުން ވަނީ އެކި ފަހަރު މަތިން ޝާހުއަށް ވަރަަށް ތައުރީފު ވެސް ކޮށްފަ އެވެ. "ދަ މާވެލްސް"ގެ ޑައިރެކްޓަރު ނިއާ ޑަކޯސްޓާ ބުނި ގޮތުގައި، ޝާހުއަކީ ލެޖެންޑެކެވެ. އަދި ޝާހުއާ އެކު އޭނާ މަސައްކަތްކުރަން ވަރަށް ބޭނުންވެ އެވެ.
މާވެލްގެ އާ ކެޕްޓަން އެމެރިކާ އެންތޮނީ މެކީ ބުނެފައިވާ ގޮތުގައި، ޝާހު އެވެންޖާސްއާ ގުޅެން އޭނާ ވެސް ވަރަށް ބޭނުންވެ އެވެ. އަދި ޑޮކްޓާ ސްޓްރޭންޖްގެ ރޯލު ކުޅޭ ބެނެޑިކްޓް ކަމްބާބެޗު ވެސް އެއް ފަހަރަކު ޝާހުގެ އެކްޓިން އަށް ވަރަށް ތައުރީފުކޮށްފައިވެ އެވެ.
މާވެލްގެ ސީރީޒެއް ކަމަށްވާ، 2022 ވަނަ އަހަރު ގެނެސްދިން "މިސް މާވެލް"ގައި ޝާހުއަށް ޓްރިބިއުޓެއް ވެސް ދީފައިވެ އެވެ. އެ ސީރީޒްގައި ޝާހުގެ ފިލްމު "ސްވޭޑްސް"ގެ މަޝްހޫރު ލަވައެއް ކަމަށްވާ "ޔޭ ޖޯ ދޭޝް ހޭ މޭރާ" ބޭނުންކޮށްފައިވެ އެވެ.