ޕޮގްބާ އެމެރިކާގެ ޑީސީ ޔުނައިޓެޑާ މަޝްވަރާކުރަނީ: ރިޕޯޓް
ޕޮގްބާ އެމެރިކާގެ ޑީސީ ޔުނައިޓެޑާ މަޝްވަރާކުރަނީ: ރިޕޯޓް

މަނާބޭހަށް ޕޮޒިޓިވް ވެގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި އުމުރުން 32 އަހަރުގެ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ، އެމެރިކާގެ ޑީސީ ޔުނައިޓެޑާ ގުޅެން އުޅޭކަމަށް ރިޕޯޓް ކޮށްފި އެވެ.

ޕޮގްބާ ވަނީ ސެޕްޓެމްބަރު 2023 ގައި ކުރިމަތިވި ހަތަރު އަހަރުގެ ސަސްޕެންޝަނުން ދޮޅު އަހަރުތެރޭ ސަލާމަތް ވުމަށް ފަހު، އޭރު ޔުވެންޓަސްއާ އެކު އޮތް ކޮންޓްރެކްޓް މިދިޔަ ނޮވެމްބަރު މަހު އުވާލައިފަ އެވެ. ކޮންޓްރެކްޓް އުވާލުމަށް ފަހު ވެސް އަދި އޭނާ އިތުރު ކްލަބަކާ ނުގުޅެ އެވެ.

އެމެރިކާގެ މީޑިއާއިން ހާމަކުރާ ގޮތުގައި ޑީސީ ޔުނައިޓެޑުން ވަނީ ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި ޕޮގްބާގެ އެމްއެލްއެސް ޑިސްކަވަރީ ރައިޓްސް ހޯދައިފަ އެވެ. މިއާ އެކު އެޓީމުން ޕޮގްބާއާ އެކު ކޮންޓްރެކްޓްގެ ކަންކަން މަޝްވަރާ ފަށާފައި ވާއިރު، އެމްއެލްއެސްގެ އެހެން ކްލަބަކަށް ޕޮގްބާއާ އެކު ކޮންޓްރެކްޓެއްގެ މަޝްވަރާއެއް ނުކުރެވޭނެ އެވެ.

ޕޮގްބާއާ އެކު އެއްބަސް ވެވިއްޖެ ނަމަ އޭނާ ވާނީ ޑީސީ ޔުނައިޓެޑްގެ ތިންވަނަ މޭޖާ ސައިނިންއަށެވެ. މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އިންގްލެންޑްގެ ތަރި ވޭން ރޫނީ ވަނީ މި ޓީމަށް ކުޅެފަ އެވެ. ކުރިން އެސްޓަން ވިލާ އާއި ލިވަޕޫލަށް ކުޅުނު ބެލްޖިއަމްގެ ކްރިސްޓިއަން ބެންޓެކޭ އަންނަނީ 2022 އިން ފެށިގެން ޑީސީ ޔުނައިޓެޑަށް ކުޅެމުންނެވެ.

ޑީސީ ޔުނައިޓެޑް މިވަގުތު އޮތީ އެމްއެލްއެސްގެ އީސްޓާން ކޮންފަރެންސްގެ 13 ވަނައިގަ އެވެ.

ހިލޭ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑުން ޔުވެންޓަސް އަށް ގެންދިޔަ ޕޮގްބާ، ޔުނައިޓެޑުން ވަނީ 2016 ވަނަ އަހަރު ރެކޯޑް 119 މިލިއަން ޑޮލަރަށް ގަނެފަ އެވެ. އަލުން ހިލޭ ޓްރާންސްފާގައި އޭނާ ޔުނެވްޓަސް އަށް ބަދަލުވީ 2022 ގަ އެވެ.

ޔުވެންޓަސް ދޫކޮށްލުމަށް ފަހު އޭނާ މިހާރު ދިރިއުޅެމުން އަންނަނީ ވެސް ފްލޮރިޑާގަ އެވެ. ޕޮގްބާގެ އިތުރުން މި ސީޒަނަށް ފަހު މެންޗެސްޓާ ސިޓީ ދޫކޮށްލާ ކެވިން ޑިބްރޭނާ ގެންދަން ވެސް ޑީސީ ޔުނައިޓެޑުން މަސައްކަތް ފަށާފައި ވާކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.

ގައުމީ ޓީމަށް 91 މެޗު ކުޅެދީފައިވާ ޕޮގްބާ ވަނީ ފްރާންސް އާއެކު 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އުފުލާލައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ވެސް އޭނާ އެވެ.