17 މާޗް 2017 - 07:18

ލަތާ މަންގޭޝްކަރް އަކީ އިންޑިއާގައި އުފެދުނު އެންމެ ކުޅަދާނަ އެއް ލަވަ ކިޔުންތެރިޔާ އެވެ. އުމުރުން 87 އަހަރު ވެފައި ވިޔަސް މިހާރު ވެސް ލަތާގެ ލަވަތަކަށް ލޯބިކުރާ މީހުން އޭނާއަށް ވަރަށް ސަޕޯޓް ކުރެ އެވެ. އޭނާގެ ލަވަތަކަށް އިންތިޒާރުކުރެ އެވެ.
"ލަގް ޖާ ގަލޭ" (1964) އިން ފެށިގެން 2006 ވަނަ "ރަންގް ދޭ ބަސަންތީ" އަށް އޭނާ ކިޔައިދިން "ލުއްކާ ޗުއްޕީ" އާ ހަމައަށް ވެސް ލަތާގެ ލަވަތައް އެތައް ޖީލެއްގެ މީހުންނެއް އަޑުއަހައި އެ ލަވަތަކުން ހިތްހަމަޖެހުން ހޯދާފައިވެ އެވެ. ނަމަވެސް ލަތާ ބުނި ގޮތުގައި މިޒަމާނުގެ ލަވަތަކުގައި ރޫހެއް ނެތެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ލަވަ ކިޔުމަކީ އަޑުގެ އެކްޓިން އެކެވެ. އެހެންވެ، މިޒަމާނުގައި ލަވަ ކިޔާ މީހުން އެކަމަށް ވިސްނައިގެން އެ ލަވަ ކިޔާ ހާލަތާއި ލަވައިގައި ކިޔައިދޭ ވާހަކަ ދެނެގަނެ އެ ކެރެކްޓާއަށް ވަދެގެން ލަވަ ކިޔަން ޖެހޭ ކަމަށް އޭނާ ދެކެ އެވެ. ލަވައިގައި ރޫހު ހުންނާނީ އޭރުން ކަމަށާއި މިޒަމާނުގެ މިއުޒިކުން އެއްވެސް ވަރަކަށް މިކަން ނުފެންނަ ކަމަށް ލަތާ ބުންޏެވެ.
"އެއީ ހެން ހީވަނީ ކުރީ ޒަމާނުގެ ލަވަތައް މިހާރު ވެސް ގިނަ ބަޔަކު އަޑު އަހާހިތްވާ ސަބަބަކީ،" ލަތާ ބުންޏެވެ.
ލަތާ އަށް ވަނީ "ލަގް ޖާ ގަލޭ" ކިޔައިގެން އެ އަހަރުގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑު ލިބިފަ އެވެ. އަދި އެ ލަވައަށް އަހަރުގެ އެންމެ ރީތި ލަވައިގެ އެވޯޑު ވެސް ލިބުނެވެ. ލަތާ ބުނީ އެވޯޑަކީ އިހްތިރާމްކުރުމުގެ ގޮތުން ދޭ އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެ ޓްރޮފީއަށް ވުރެ މީހުންގެ ލޯތްބާއި ހެޔޮއެދުން މާ މުހިއްމު ކަމަށް ބުންޏެވެ.
ލަތާގެ މިއުޒިކީ ދަތުރަށް 70 އަށް ވުރެ ގިނަ އަހަރު ވެފައި ވާއިރު މީނާ ކުމާރީ އާއި ނަރްގިސް އަދި މަދޫބާލާ އާއި ސާދްނާ ފަދަ ކުރީގެ ތަރިންނަށް ލަތާގެ އަޑުން އެތައް ސަތޭކަ ލަވައެއް ރެކޯޑް ކޮށްދީފައިވެ އެވެ. އަދި ފަހުގެ ބަތަލާއިންގެ ތެރެއިން މާދުރީ ޑިކްޝިޓް އާއި ކާޖޮލް ފަދަ ބަތަލާއިންނަށް ވެސް އޭނާ ލަވަ ކިޔައިދީފައިވެ އެވެ. ނަމަވެސް އޭނާ ކިޔައިދޭ ލަވަތައް ސްކްރީނުގައި ހުށަހަޅައިދޭން އެންމެ ކުޅަދާނައީ ޖާޔާ ބައްޗަން ކަމަށް ލަތާ ގަބޫލު ކުރެ އެވެ.
އުމުރުން ދުވަސްވުމުގެ ސަަބަބުން ލަތާ މާގިނައިން މިހާރު ލަވަކިޔައެއް ނޫޅެ އެވެ.