28 އެޕްރީލް 2025 - 14:06

މެލޭޝިއާގެ އިންވެސްޓަރުން ރާއްޖޭގައި ވިޔަފާރި އާއި އިންވެސްޓުމަންޓުތައް ފުޅާކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އެދިވަޑައިގެންފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިހާރު ކުރިއަށްދާ އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި އަންވަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ވިޔަފާރި އާއި އިންވެސްޓުކުރުމުގެ ސިޔާސަތުތަކަށް މިހާރުގެ ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެނައުމުން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއާ މެދު އޮންނަ އިތުބާރާއި ޔަގީންކަން ވަނީ އިތުރުވެފަ އެވެ.
ރާއްޖެ އާއި މެލޭޝިޔާ އާ ދެމެދު އޮތީ ޒަމާންވީ، ގާތް ރަހުމަތްތެރި ގުޅުމެއްކަން ފާހަގަކުރައްވަމުން އަންވަރު ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ އެކު، މިފަދަ އަވައްޓެރި އަދި ރަހުމަތްތެރި ގުޅުންތަކުގެ މުހިންމުކަން އިތުރުވެފައިވާ ކަމަށެވެ.
މިގޮތުން، މެލޭޝިޔާއާ އެކު ވިޔަފާރި އާއި އިންވެސްޓުމަންޓުގެ ދާއިރާއިން ގާތް ގުޅުމެއް ބާއްވަމުން އައި އެމެރިކާއިން މިފަހުން ޑިއުޓީ ބޮޑުކުރަން ނިންމި ނިންމުން ފާހަގަކުރައްވައި، ބޮޑުވަޒީރު ވިދާޅުވީ، މެލޭޝިޔާގެ ވިޔަފާރިތަކުން ވެސް ޒަމާންވީ ގުޅުންތަކުގެ ބޭރުން، ސަރަހައްދީ އަދި ރަހުމަތްތެރި ގައުމުތަކާ އެކު ގުޅުންތައް ފުޅާކުރަންޖެހޭ ކަމަށެވެ.
ރާއްޖެއަކީ ޓޫރިޒަމާއި އެ ނޫން ވެސް ގިނަ ދާއިރާތަކުން އިންވެސްޓުމަންޓުގެ ގިނަ ފުރުސަތުތަކެއް ހުރި ގައުމެއްގެ ގޮތުގައި ބޮޑުވަޒީރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް އެނގޭ، ރާއްޖެ އާއި މެލޭޝިޔާގެ ރައްޔިތުން ދެ ގައުމުގެ ދެމެދުގައި ވަރަށް ގިނައިން ދަތުރުކުރާކަން. އަދި ހާރިޖީ ގުޅުން ވެސް ވަރުގަދަކަން. އެކަމަކު އަޅުގަނޑު ބޭނުންވަނީ މި ގުޅުން އެހެން ހަރުފަތަކަށް ގެންދަން. ދެ ގައުމުގެ ދެމެދު ވިޔަފާރި އާއި އިންވެސްޓުމަންޓުތައް އިތުރުކުރަން،" އަންވަރު ވިދާޅުވި އެވެ.
ރަސްމީ ދަތުރުތަކުގެ ތެރެއިން ބާއްވާ މިފަދަ ވިޔަފާރީގެ ފޯރަމްތަކުގައި ބައިވެރިވެވަޑައި ނުގަތަސް، މި ފޯރަމްގައި ބައިވެރިވެވަޑައިގަތީ، ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، މިކަމުގެ މުހިންމުކަމުންނެވެ.
އެހެންކަމުން، މި ފޯރަމްގެ ފުރިހަމަ ބޭނުން ހިފައި، ރާއްޖޭގައި އިންވެސްޓުމަންޓާއި ވިޔަފާރި ފުޅާކުރުމުގެ އިތުރުން، ދިވެހި ވިޔަފާރިތައް މެލޭޝިޔާގައި އިންވެސްޓުކޮށް ވިޔަފާރީގެ ގުޅުން އިތުރުކުރަން އަންވަރު އެދިވަޑައިގަތެވެ.
މި ފޯރަމްގައި މެލޭޝިޔާ އާއި ދިވެހި ވިޔަފާރިތައް ތަމްސީލުކުރާ އިސް އޮފިޝަލުންގެ އިތުރުން، ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ވަޑައިގެންނެވި މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.