28 އެޕްރީލް 2025 - 11:58

މާލެ ރަސްފަންނު މޫދަށް މިހާރު ކަޅުތެޔޮ އެޅިފައި ވާތީ އެ ސަރަހައްދަށް މޫދަށް ނޭރެން ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން އެ ސަރަހައްދު ބަލަހައްޓައި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅުނު ގޮތެއް އަދި ނޭނގެ އެވެ. ބޮޑަށް ބެލެވެނީ ކަނޑަށް ކަޅުތެޔޮ އެޅިގެން އޮޔާ ގޮނޑުދޮށަށް އައީ ކަމަށެވެ.
ފުލުހުން ވަނީ އެ ސަރަހައްދަށް މޫދަށް ނޭރުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް މާލޭގެ އުތުރުފަރާތު ބަނދަރުގެ ފަޅުތެރެއަށް ވަރަށް ގިނައިން ކަޅުތެޔޮ އެޅުނު ހާދިސާއެއް ހިނގި އެވެ. ސިފައިން ދެ ދުވަހު ކުރިން މަސައްކަތުން ގާތްގަނޑަކަށް 15 ފީފާއަށް އެޅޭނެހާ ތެޔޮ އެ ފަހަރު މާލެ ފަޅުތެރެއިން ނަގާފައިވެ އެވެ.