28 އެޕްރީލް 2025 - 09:48

ވިނަރެސްގެ އެޕާޓްމަންޓެއްގެ ތެރެއިން އަންހެނަކު ހަޅޭއްލަވާ އަޑު އިވިގެން ފުލުހުން ގޮސް ބެލި އިރު ޒުވާން އަންހެނަކު ހޭނެތިފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ހެނދުނު 06:05 ހާއިރު ހުޅުމާލެ 2 ގެ ފްލެޓަކުން އަންހެނަކު ހަޅޭއްލަވާ އަޑު އިވޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެތަނަށް ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި ވަދެ ބެލި އިރު 21 އަހަރުގެ ދިވެހި އަންހެނަކު ހޭނެތިފައި އޮއްވައި ފެނުނު ކަމަށް ބުންޏެވެ.
ފުލުހުން ފަހުން ބުނި ގޮތުގައި އެ ގޭތެރޭގައި، ހޭނެތިފައި އޮތް މީހާގެ އާއިލާގެ މީހުން ވެސް ތިއްބެވެ.
ފުލުހުން ބުނީ އެ ޒުވާނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށާއި އެ ހާދިސާގެ ވަށައިގެންވާ ކަންކަން ބަލައި، ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ހޭނެތިފައި އޮތް އަންހެނެއް ހެނދުނު 6:30 ހާއިރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ ހާލު ސްޓޭބަލް ކަމަށާއި ބޭރު ފުށުން ވެސް އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.