28 އެޕްރީލް 2025 - 09:10

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ފަސް ދާއިރާއަކުން އެއްބަސްވުންތަކެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކުރީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

ޕުޓްރަޖާޔާގައި ހުންނަ ބޮޑު ވަޒީރުގެ އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު، ޖޮއިންޓް ޕްރެސްގެ ކުރިން ވަނީ ފަސް ދާއިރާއަކާ ގުޅޭ އެމްއޯޔޫތަކުގައި ސޮއިކޮށްފަ އެވެ.
އޭގެ ތެރޭގައި:
- ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް - ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އަދި މެލޭޝިއާ އިން ސޮއި ކުރެއްވީ އެ ގައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޕުއަން ހަނާ ޔޭ
- ސިއްހީ ދާއިރާއާ ގުޅޭ އެއްބަސްވުމެއް - ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި މެލޭޝިއާގެ ހެލްތު މިނިސްޓަރު ޑރ. ޒުލްކެފްލީ އަހުމަދު
- ޓޫރިޒަމް ދާއިރާއާ ގުޅޭ އެއްބަސްވުމެއް - ސޮއި ކުރެއްވީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތުއާން ހައިރުލް ފިރުދައުސް އަކްބަރު ޙާން.
- ޑިޕްލޮމެޓުން ތަމްރީނުކުރުމަށް - ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދަތުކް މުހައްމަދު އަލާމިން
- ބައިލެޓްރަލް ކޮންސަލްޓޭޝަން - ސަފީރު މަރިޔަމް ޝަބީނާ އާއި މެލޭޝިއާގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ދަތުކް މުހައްމަދު އަލާމިން
އެ ޖޮއިންޓް ޕްރެސްގައި ރައީސް މުއިއްޒު ވިދާޅުވީ. މި އެމްއޯޔޫތަކަކީ ދެ ގައުމުގެ ގުޅުން އިތުރަށްނ ބަދަހިކުރުމަށް އަޅާ ބިންގާއެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް އިތުރު އެހެން ދާއިރާތަކުން މެލޭޝިއާއާ އެކު ގުޅުން ބަދަހި ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.