16 މާޗް 2017 - 13:42

ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރޭ ވައިރަލް ހުމާއެކު ސްވައިން ފްލޫ ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީންގެ އާއިލީ ބައްދަލުވުންތައް ވެސް މެދުކަނޑާލައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނެރުނު އިއުލާނެއްގައި ބުނީ ގައިދީންގެ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް މެދުކަނޑާލީ ފެތުރެމުންދާ ހުމާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކަމަށެވެ. އަލުން ބައްދަލުވުންތައް ފަށާނެ މުއްދަތެއް އެތަނުން ހާމައެއް ނުކުރެ އެވެ.
އެޗްޕީއޭއިން ރޭ އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމަ އަށް 279 މީހަކު ވަނީ ސްވައިން ފްލޫ އަށް ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 82 (29 ޕަސެންޓް) މީހުން ވަނީ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފަ އެވެ. ހާލު ބޮޑު ހަތަރު މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ދެ މީހަކު ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ސްވައިން ފްލޫ އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ސްކޫލްތަކުން ބާއްވާ އިތުރު ހަރަކާތްތަކާއި ގައުމީ ފުޓްބޯޅަ މުބާރާތް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.