27 އެޕްރީލް 2025 - 18:45

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ރޭ އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ކޮންޓެއިނަރުތައް ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވާ ކަމަށް ބުންޏެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. ނަމަވެސް، އެތަކެތި އެތެރެކުރި ކުންފުނީގެ ނަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެ އެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރެވޭނީ އޭގެ ނުރައްކާކަން އަންގައިދޭ ފޮޓޯއާ ލޭބަލްޖެހުމަށްފަހުގަ އެވެ. އަދި އެ ތަކެތި ގެނެވޭނީ އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ކަސްޓަމްސް އިން ބުނީ އެ ސިނގިރޭޓުތައް އެތެރެކޮށްފައިވަނީ އެ ގަވައިދުތަކާ ހިލާފަށް ކަމަށެވެ.