27 އެޕްރީލް 2025 - 12:49

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަން އެ ގައުމަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހައްލު ކޮށްދެއްވަން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. އަންވަރު އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުގައި މެލޭޝިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އުންމީދު ކުރައްވަނީ މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވެރިންނާ އެކު ރަސްމީ ބައްދަލުވުންތައް ކުރިއަށް ގެންގޮސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުން ކަމަށެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރައްވާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު މެލޭޝިއާ އިން ހަދައިދިނުމުގެ ހިދުމަތް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މެލޭޝިއާގައި ދިއިރުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ސަރުކާރުގެ ތެރެއިން ކަންކަން ފަހި ކޮށްދެއްވުމަށްޓަކައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގައި އިންވެސްޓް ކުރެވެން ހުރި ދާއިރާތަކުގެ މައުލޫމާތު މެލޭޝިއާގެ އިންވެސްޓަރުންނަށް ފޯރުކޮށްދެއްވާނެ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ އަރިހުގައި މެލޭޝިއާ އަށް ވަޑައިގަންނަވާ މިނިސްޓަރުންނަކީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިއީ، ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. ރައީސް މުއިއްޒަށް މެލޭޝިއާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނެވެ. އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވާނީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. އަަންވަރު އިބްރާހިމެވެ.