26 އެޕްރީލް 2025 - 21:14

ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރަން ނިންމި ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ ފުލުހުންގެ އިދާރާ ހިންގުން ހަވާލު ކުރައްވައިފި އެވެ.
މާލޭގެ އިމާރާތަކުން ދާދިފަހުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ މަގާމުން އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ހިންގުން ހޯމް މިނިސްޓަަރު އަލީ އިހްސާން ފުރަތަމަ ހަވާލުކުރެއްވީ ޑީސީޕީ ފަރުހާދުއާ އެވެ.
ނަމަވެސް މިނިސްޓަރު އިހްސާން ސޯޝަލް މީޑިއާގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުން ބަދަލުކޮށް، ޑީސީޕީ ނަވީންއާ ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވީ ފުލުހުންގެ މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ޔުމްނު ވެއްޓުނު މައްސަލާގެ ތަހުގީގު ކަމަށްވާތީ އާއި އެ ތަހުގީގުގައި މިހާތަނަށް އިސްކޮށް ހަރަކާތްތެރިވެފައިވަނީ ޑީސީޕީ ނަވީން ކަމަށްވާތީ ކަމަށެވެ.
ޔުމްނުގެ މައްސަލާގެ ތަހުގީގުގައި ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އެ ހާދިސާ ހިނގިރޭ ޔުމްނުއާ އެކު އެންމެ ފަހުން ހަރަކާތްތެރިވި ރައުދު އަހުމަދު ޒިލާލް ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެރޭ ޔުމްނުއާ އެކު އުޅުނު މީހުން ފުރުން މަނާކޮށް، އެ މީހުންގެ ފޯނު ވަނީ ހިފަހައްޓައިފަ އެވެ.
ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން ނެތް ކަމަށް ފުލުހުން ފުރަތަމަ ބުނި ނަމަވެސް ފަހުން ފުލުހުން ބުނެފައިވަނީ އެރޭ ޔުމްނު އާއި ރައުދުއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށެވެ.