26 އެޕްރީލް 2025 - 19:37

މ. މުލީ އެއާޕޯޓްގެ މަސައްކަތް ނިންމައި، ކާމިޔާބުކަމާއެކު ޓެސްޓު ފްލައިޓް އިއްޔެ ޖައްސައިފި އެވެ.
މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގަ އެވެ.
އިއްޔެ ޓެސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއާޕޯޓަށް ޖެއްސީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.
އެ އެއާޕޯޓް އަޅަން ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެގޮތުން އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 212 މިލިއަން ރުފިޔާއަށެވެ. އެކަމަކު ބަޖެޓުގެ ދަތިކަމާ ހެދި އެ މަސައްކަތް ނުނިމި، ދިގުލައިގެން ދިޔަ އެވެ.
މުލީ އެއާޕޯޓް މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހަށް ނިންމަން ވެސް ރީޖަނަލް އެއާޕޯޓުން ކުރިން މަސައްކަތްކުރި އެވެ. އެކަމަކު އޭރު އެ މުއްދަތަށް މަސައްކަތް ނިންމިފައެއް ނުވެ އެވެ.
މުލީ އެއާޕޯޓު ހިންގުމަށް ސަރުކާރުން ދާދިފަހުން ވަނީ ރީޖަނަލް އެއާޕޯޓް ކުންފުންޏާ ހަވާލުކޮށްފަ އެވެ.