ޕޮލިސް ކޮމިޝަނަރު ޝުޖާއުގެ އިސްތިއުފާ ރައީސް ގަބޫލުފުޅު ކުރައްވައިފި
ޕޮލިސް ކޮމިޝަނަރު ޝުޖާއުގެ އިސްތިއުފާ ރައީސް ގަބޫލުފުޅު ކުރައްވައިފި

ސީޕީގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވި ސީދާ ވަކި ސަބަބެއް ވިދާޅެއް ނުވޭ. އަދި ފުލުހުންގެ އިދާރާ ހިންގުމާ މި ވަގުތު ހަވާލު ކުރެއްވި ބޭފުޅެއް ސަރުކާރުން އަދި އިއުލާން ނުކުރޭ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ ވިދާޅުވީ، ޕޮލިސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވަން ޝުޖާއު ހުށަހެޅުއްވުމުން އޭނާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅު ކުރައްވައިފި ކަމަށް. އިތުރު ތަފުސީލެއް ތަރުޖަމާން އަދި ނުދެއްވާ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ޝުޖާއުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ޝުޖާއު ސީޕީގެ މަގާމުން އިސްތިއުފާ ދެއްވަން މި ނިންމެވީ އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ މެދު ގިނަ ސުވާލުތަކެއް ފެންމަތިކޮށް، އޭނާގެ އިސްތިއުފާ އަށް ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.

އެސިސްޓެންޓު ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ޝުޖާއު އަށް ޕޮލިސް ކޮމިޝަނަރުކަން ދެއްވީ ޑިސެމްބަރު 25، 2023 ގަ އެވެ.

އުމުރުން މިހާރު 52 އަހަރުގެ ޝުޖާއު މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް ފަހު، ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރު އެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރުމާ ހަމައަށް އޭނާ ހުންނެވީ މާލެ އޭރިއާގެ ކޮމާންޑަރުގެ ގޮތުގަ އެވެ.

ޝުޖާއު ވަނީ ޕޮލިސް އެކަޑެމީ އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) ގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ކުރިން ފުރުއްވައިފަ އެވެ. އަދި ކުޑަކުދިން ގޭންގުތަކުގައި ބައިވެރިވާތީ އެކަން ހުއްޓުވުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ވެސް ހިންގެވި އެވެ.

ޑެޕިއުޓީ ކޮމިޝަނަރުންގެ ގޮތުގައި ފުލުހުންގެ އިދާރާގައި މިހާރު ތިއްބެވީ އިސްމާއިލް ނަވީން އަދި ފަރުހާދު ފިކުރީ އެވެ.