16 މާޗް 2017 - 10:37

ލަންޑަން (މާޗް 16) – މެންޗެސްޓާ ޔުނައިޓެޑުގެ އުމުރުން 19 އަހަރުގެ ފޯވާޑް މާކަސް ރަޝްފޯޑަށް މިއަދު އިއުލާންކުރާ އިންގްލެންޑުގެ ގައުމީ ސްކޮޑުން ފުރުސަތު ދޭން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން ބެލެވިފައި އޮތީ ރަޝްފޯޑް ނަގާނީ ޖަރުމަނާއި ޑެންމާކާ ދެކޮޅަށް އަންނަ ހަފުތާގައި ނުކުންނަ އިންގްލެންޑުގެ 21 އަހަރުން ދަށުގެ ޓީމަށް ކަމަށެވެ. އެކަމަކު ސީނިއާ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ކެޕްޓަން ވޭން ރޫނީ އާއި ހެރީ ކޭނަށް އަނިޔާވުމުން ރަޝްފޯޑް ނަގަން މަޖުބޫރުވީ އެވެ.
ގަރެތު ސައުތުގޭޓް ކޯޗުކޮށްދޭ އިންގްލެންޑުގެ ސީނިއާ ޓީމުގެ ސްކޮޑް މިއަދު އިއުލާންކުރަނީ ޖަރުމަނާ ދެކޮޅަށް އަންނަ ބުދަ ދުވަހުގެރޭ ކުޅޭ އެކުވެރިކަމުގެ މެޗަށާއި ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު 26 ގައި ލިތުއޭނިއާއާ ދެކޮޅަށް ކުޅޭ މެޗަށެވެ.
ރަޝްފޯޑް ވަނީ އިންގްލެންޑަށް ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ މޭ މަހު އޮސްޓްރޭލިއާ ކޮޅަށް ގޯލް ޖަހައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ފަސް މެޗުން ފުރުސަތު ހޯދައިފަ އެވެ. ރަޝްފޯޑް ވިދާލީ މިދިޔަ ސީޒަނުގެ ފަހުކޮޅު ޔުނައިޓެޑުގެ އޭރުގެ ކޯޗު ލުއީ ވެން ހާލް ދިން ފުރުސަތުތަކުގެ ބޭނުން ހިފައި ޖަހަން ފެށި ގޯލްތަކުންނެވެ.
އިންގްލެންޑުގެ ކެޕްޓަން ރޫނީގެ ފަޔަށް އަނިޔާވީ ޕްރެކްޓިހުގަ އެވެ. އެފްއޭ ކަޕުގެ ކުއާާޓާ ފައިނަލުން ޗެލްސީ އަތުން 1-0 އިން ޔުނައިޓެޑް ބަލިވި މެޗުގައި އޭނާ ނުކުޅެ އެވެ. މިވަގުތު ފޯމުގައި ހުރި ކޭން އަށް އަނިޔާވީ އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި މިލްވޯލް އަތުން ޓޮޓެންހަމް މޮޅުވި މެޗުގަ އެވެ.