ރެފްރީ މައްސަލައިގައި ރެއާލް ރަތަށް، އެކަމަކު މެޗު ކުޅޭނެ
ރެފްރީ މައްސަލައިގައި ރެއާލް ރަތަށް، އެކަމަކު މެޗު ކުޅޭނެ

ސްޕެނިޝް ކަޕުގެ ފައިނަލުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅެން އޮތް މެޗު، ރެފްރީއާ މެދު ހިތްހަމަނުޖެހިގެން ރެއާލް މެޑްރިޑުން ބޮއިކޮޓްކޮށްފާނެ ކަމަށް ވާހަކަ ދެކެނުވު ނަމަވެސް، އެކަން އެގޮތަށް ނުކުރާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ރެފްރީ ރިކާޑޯ ޑި ބަރްގޮސްއާ މެދު ރެއާލުން ހިތްހަމަނުޖެހުނީ އޭނާ އަށް ފާޑުކިޔައި އެ ކްލަބުގެ ރަސްމީ ޓީވީ ޗެނަލުން ދެއްކި ރިޕޯޓަކާ ގުޅިގެން، ރެފްރީ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުންނެވެ.

އެ ޗެނަލުން ދެއްކި ވީޑިއޯގައި ނުސީދާކޮށް ވަނީ އެ ރެފްރީ ރެއާލްއާ ދެކޮޅަށް ނިންމުންތައް ނިންމާ ކަމުގެ ތުހުމަތުކޮށް، އޭނާ އަކީ ބައިނަލްއަގްވާމީ އެއްވެސް މުބާރާތަކުން ފުރުސަތު ނުލިބޭ މީހެއް ކަމަށް ބުނެ، އަދި އޭނާ ބައެއް ގޯސް ނިންމުންތައް ވެސް ދައްކައިފަ އެވެ.

އެކަމާ ގުޅިގެން ރެފްރީ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާއްވައި، ވަރަށް ޖަޒުބާތީކޮށް ވާހަކަދައްކައިފަ އެވެ. އޭނާ ބުނީ، ދަރިފުޅު ސްކޫލަށް ދިއުމުން، އޭނާގެ ބައްޕައަކީ ވަގެއް ކަމަށް އެހެން ކުދިން ބުނާ ކަމަށާއި، ދަރިފުޅު ގެޔަށް އަންނަނީ ރޮމުން ކަމަށެވެ. އެ ވާހަކަތައް ދެއްކިއިރު ރެފްރީ އަށް ވެސް ރޮވުނެވެ.

ރެއާލުން އެކަމާ ގުޅިގެން ބުނީ މީޑިއާ ޗެނަލަކުން ދެއްކި ރިޕޯޓަކަށް ރައްދުދީ ރެފްރީ އެގޮތަށް މެޗުގެ އެއް ދުވަސް ކުރިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުން، ކްލަބާ މެދު ހިތުގައި އޮތް ނަފުރަތު ފާޅުވެފައިވާ ކަމަށެވެ. އަދި ފައިނަލުގެ ކުރިން، ފައިނަލުގައި ކުޅޭ އެއް ޓީމާ ދެކޮޅަށް ރެފްރީން އެގޮތަށް ވާހަކަދެއްކުމަކީ އިންސާފުވެރިކަން ގެއްލުން ކަމަށް ބުނެ އެ ކްލަބުން ވަނީ މެޗުގެ ރެފްރީ ބަދަލުކުރަން އެދިފަ އެވެ.

އަދި ރެއާލުން ވަނީ މެޗުގެ ކުރިން ބާއްވަން އޮތް، އޯޕަން ޓްރެއިނިން ސެޝަނާއި، ނޫސްވެރިންގެ ބައްދަލުވުމާއި، އެގްޒެކެޓިވް ޑިނާނައިޓް ބޮއިކޮޓްކޮށްފަ އެވެ. އަދި ރެފްރީން ބަދަލުނުކުރާ ނަމަ މެޗު ބޮއިކޮޓްކޮށްފާނެ ކަމަށް ވެސް ވާހަކަ ދެކެވުނެވެ. އެކަމަކު ރެއާލުން ވަނީ މެޗު ކުޅޭނެކަން ފަހުން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

ސްޕެނިޝް ލީގުގެ ޗީފް ހަވިއޭ ޓެބާސް ވިދާޅުވީ ރެއާލުން އުޅެނީ ފުޓްބޯޅަ ރަނގަޅުކުރަން ނޫން ކަމަށާއި، އެ ކްލަބުން މަސައްކަތްކުރަނީ ނުފޫޒު ފޯރުވައި، ކޮންޓްރޯލް ނަގަން ކަމަށެވެ.

ސެވިލްގައި ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރެވެ.