ރައީސަށް ލަފާ ދޭ ޒުވާނުންގެ ބޯޑުން ހުވައިނާ އިސްތިއުފާ ދީފި
ރައީސަށް ލަފާ ދޭ ޒުވާނުންގެ ބޯޑުން ހުވައިނާ އިސްތިއުފާ ދީފި

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ޒުވާން އަންހެނަކު ވެއްޓުނު މައްސަލަ އާ ގުޅިގެން، ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީން ހުވައިނާ މުހައްމަދު ނިހާދު އިސްތިއުފާ ދީފި އެވެ.

ސޯޝަލް މީޑިއާގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އަދި ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދިން ކަން ހާމަކޮށް އިންސްޓަގްރާމްގައި ވަނީ ޒުވާނާ ވެއްޓުނު ހާދިސާގައި ފުލުހުން ހިންގަމުންދާ ތަހުގީގާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ހުވައިނާ ބުނި ގޮތުގައި އެ ބޯޑުން އިސްތިއުފާ ދިނީ އެ ކަމުގައި ހިތްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލަމުން އަންނަ ޒުވާނުންނާ އެކުގައި ހުރުމުގެ ގޮތުން ކަމަށެވެ.

އެ ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ޒިލާލް ކޮމިޓީން އިސްތިއުފާ ދެއްވުމަށް ހުށަހެޅުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ އޭނާ އެ ކޮމިޓީން ވަކިކުރައްވައިފަ އެވެ.

ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އާއެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.

މި މައްސަލާގައި ރައުދު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފަ އެވެ.

ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.

ޔުމްނު ވެއްޓުމުގެ ކުރިން، ރައުދު އާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.