25 އެޕްރީލް 2025 - 15:59

މާލެ އަށް ނިސްބަތްވާ ނަން މަޝްހޫރު ގްރޫޕަކުން ފައިސާގެ މުއާމަލާތުތައް ހިންގާފައިވާ ގޮތުގެ ތަހުގީގު ނިންމައި، އެ މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދި ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ޖަލްސާގައި ސީޕީ ވިދާޅުވީ އަހަރެއްހާ ދުވަސް ހޭދަވި އެ ތަހުގީގުގައި ވަނީ މާލޭގެ ނަން މަޝްހޫރު ގްރޫޕެއްގެ މީހުން އުޅޭ ތަންތަން ބަލައިފާސްކޮށްފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެއީ 11 މީހުން ހިމެނޭ އެ ނެޓްވޯކުގައި 64 މިލިއަން ރުފިޔާ ދައުރުކުރި ބެލުމަށް ހިންގި ތަހުގީގެކެވެ.

ތަހުގީގުން ލިބުނު މައުލޫމާތުގެ އަލީގައި ސީޕީ ޝުޖާއު ވިދާޅުވީ އެ 11 މީހުންގެ އެކައުންޓުތަކުގައި ދައުރުކޮށްފައިވާ ފައިސާގެ ބޮޑު ބަޔަކީ ކުށް ކޮށްގެން ހޯދި ފައިސާ ކަމަށެެވެ.

ޝުޖާއު ވިދާޅުވީ އެ މައްސަލާގައި ހިމެނޭ މީހުންގެ މުދަލެއް ވާ ނަމަ އެ ތަކެތި ދައުލަތަށް ނަގައިދިނުމަށް ވެސް ޕީޖީ އޮފީހުގައި އެދޭނެ ކަމަށެެވެ.

"ހިންގުނު ތަހުގީގުގައި ދައުރުވެފައިވާ ފައިސާގެ ބޮޑު ބައެއް އެއީ ކުށް ކޮށްގެން ހޯދި ފައިސާކަން ވަނީ ދެނެގަނެވިފައި. މި މައްސަލަ ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައި މި މައްސަލައިގައި ހިމެނޭ މީހުންގެ މުދަލެއް ވާ ނަމަ، ދައުލަތަށް އެ މުދާތައް ނަގައިދޭން އެދޭނަން،" ސީޕީ ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރުން ޝުޖާއު ވިދާޅުވި ގޮތުގައި ފުވައްމުލަކުން ވެސް މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ވަނީ އަތުލައިގެންފަ އެވެ.
އޭނާ ވިދާޅުވީ 112 މީހުންގެ އެ ނެޓްވޯކް ހޯދައި އެ ތަހުގީގުކުރުމަށް ފަހު 121 މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ނެޓްވޯކުގެ ތެރެއިން މުއްސަނދިކަން ލިބުނު ދެ މީހެއްގެ މައްސަލަ ވެސް ޕީޖީއަށް ފޮނުވައި ދައުވާކޮށްދޭން އެދިފައިވާ ކަމަށް ވިދާޅުވި އެވެ.
އެމީހުން ވެސް ކުށްކޮށްގެން ހޯދި އަގު ބޮޑެތި މުދާތައް ދައުލަތަށް ނަގައިދޭން އެދިފައިވާކަން ސީޕީ ފާހަގަކުރެއްވި އެެވެ.
އެ ނެޓްވޯކުން ވަނީ ފަސް އަހަރުގެ ތެރޭގައި 60 މިލިއަން ރުފިޔާ އެކައުންޓުތަކުގައި ދައުރުކޮށްފަ އެވެ. އެ ތަހުގީގުގެ ތެރެއިން ވެސް 42 މީހެއްގެ ބޭންކު ސްޓޭޓްމަންޓްތައް ހޯދައި ދައުރުވާ ފައިސާއާ ގުޅޭ މައުލޫމާތު ހޯދުމަށް ދިރާސާކޮށްފައިވާ ކަމަށާއި އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށް ވިދާޅުވި އެވެ.
ޝުޖާއު ވަނީ އެ ދެ މައްސަލަ ވެސް ތަހުގީގުކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ޝުކުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ކޭސް އިން ލިބޭ ޔަގީންކަމަކީ މިހާރު ނެޓްވޯކްތަކުގައި ހަރަކާތްތެރިކޮށް ނޫޅުނު ނަމަވެސް އެފަދަ މީހުންނަށް ލިބިފައިވާ މުއްސަނދިކަމަކީ އެ ނެޓްވޯކުތަކުގައި އުޅުނު ދުވަސްވަރު ލިބުނު މުއްސަނދިކަންތޯ ތަހުގީގުކުރެވޭނެ ކަން ކަމަށެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ފުލުހުންގެ އެ ތަހުގީގު ނިންމާލާނީ ރާއްޖޭގައި އުފެދިފައިވާ ގްރޫޕްތަކާއި ނެޓްވޯކްތަކުގެ ބޮޑުންގެ މައްޗަށް ތަހުގީގު ހިންގައި މުދާތައް ދައުލަތަށް ނަގައިފަ އެވެ.
"އެ މީސް މީހުން ކުށް ކޮށްގެން ހޯދފައިވާ މުދާތައް ދައުލަތަށް ނަގާފައި. މިކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އާއި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ޝުޖާއު ވިދާޅުވި އެވެ.