25 އެޕްރީލް 2025 - 08:22

ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުމުގައި ރައުދު އަހްމަދު ޒިލާލްގެ ބައި ބައިވެރިވުން އޮވެދާނެ ކަމަށް ފުލުހުން ތުހުމަތުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގައި ހުރި ގުދަނެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން 21 އަހަރުގެ ރައުދު ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް ތުހުމަތުތައް ހާމައެއް ނުކުރެ އެވެ.
ރައުދުގެ ބަންދުގެ އަމުރަށް އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓައިފަ އެވެ.
މި މައްސަލައާ ގުޅިގެން މއ. މާންދޫގެ ދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި، ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެ 9 ވަނަ ފްލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންނެވެ.
ޔުމްނު އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން ވަނީ އިއްޔެ އާންމުކޮށްފަ އެވެ.
ފެންޓެނޯއީގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.