24 އެޕްރީލް 2025 - 23:50

ދިވެހި މުޖުތަމައު މިއަދު އޮތް ނިކަމެތި ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލައި މަޖާކުރަން ހިތްވަރުދިން މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓި މިދިޔަ ހުކުރު ދުވަހު ހިނގި ހާދިސާއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
"އެއަށް ވިސްނާލާއިރު ވެސް މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ގޮތުގައި ބިރަކާއި ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުން، މީގެ އަހަރުތަކެއް ކުރިން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިފައި ހުރި އިންތަކާއި މިންތަކާއި އުސޫލަތަކާއި ހަމަތަކަކީ އެއީ މާ މުހިންމު ކަމެއް ނޫނޭ ބުނެ، މަޖާކުރާށޭ، ޒުވާންކަމުގެ ތި ކުދިން ބޭނުންގޮތަކަށް އުޅޭށޭ ކިޔާފައި އެ ހިތްވަރުދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނުކުމެ އެ ކުދިން މިސްޔޫސް ކުރަމުންދާ ދިއުން ލޯހުޅުވާ ބަލަން އެބަޖެހޭ."
ބިރަކާ ނުލައި މަޖާކުރުމަކީ އެމްޑީޕީން 2013ގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ނެރުނު ކުޅިވަރާއި މުނިފޫހިފިލުވުމުގެ މެނިފެސްޓޯގައި ހިމެނި ކަމެކެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ ކުދިން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން، މި ގައުމުގައި އޮތް މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލަތަކާއި ރީތި އާދަތަކުން ނެރެ އެހެން މަގަކުން ގެންދިއުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުންނެވެ. އެހެންކަމުން، ރައްޔިތުން ވާން ޖެހޭނެ ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް ކަމަަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ވިކްޓިމައިޒްވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅުުމުގެ ތެރެއަށް ދިވެހި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ދޮގު ހަދާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ފުލުހުން ރައްޔިތުންނަށް ދޮގު ހަދައިގެން، ފުލުހުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށާއި އެއީ ފުލުހުން ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ފުލުހުން ދޮގު ހަދާނެ ކަމަށް ބުނެ އެ މުއައްސަސާގެ އަގުވައްޓާލަން މަސައްކަތްކުރަނީ މުޖުތަމައުގައި ބައިބައިވުމާއި ފިތުނަ އުފައްދަން އުޅޭ ބަޔަކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާން ޖެހޭނީ ކެތްތެރިކަމާ އެކީގައި ފުލުހުންގެ ހިދުމަތް ފުލުހުން އަދާކުރުމަށް ފުރުސަތު ދޭން،" ރައީސް ވިދާޅުވި އެވެ.