24 އެޕްރީލް 2025 - 19:22

މާލޭގެ ގެއެއް ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު އަހްމަދު ޒިލާލް މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ (ގުދަން ހުރި ގެ) މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ކަމަށްވާ ހައްވާ ޔުމްނު ރަޝީދު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މއ. މާންދޫގެ ދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންނެވެ.
ޔުމްނު އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.