ފުރުމުގެ އަށް ގަޑިއިރު ކުރިން ޑޮލަރު ބުކިން ހެދުމަށް ބީއެމްއެލް އިން އެދެފި
ފުރުމުގެ އަށް ގަޑިއިރު ކުރިން ޑޮލަރު ބުކިން ހެދުމަށް ބީއެމްއެލް އިން އެދެފި

ސްކޫލް ބަންދުގައި ރާއްޖެއިން ބޭރަށް ފުރާ މީހުން ޑޮލަރު ގަންނަން ބޭނުންވާ ނަމަ، ފުރުމުގެ އަށް ގަޑިއިރު ކުރިން ޑޮލަރު ބުކިން ހެދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދެފި އެވެ.

ބީއެމްއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދުވަސްވަރު ރާއްޖެއިން ބޭރަށް ދާ މީހުން އިތުރުވާނެތީ ވީހާ ވެސް ފަސޭހަކަމާއި އެކު އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، ޑޮލަރު ގަތުމަށް ބޭނުންވާ ފައިސާ، ފުލައިޓު ފުރުމުގެ އަށް ގަޑިއިރު ކުރިން ދަައްކައި ބުކިން ކޮންފާމްކުރުމަށް އެދޭ ކަމަށެވެ.

ބީއެމްއެލް އިން ކޮންމެ ދަތުރުވެރިއަކަށް ވިއްކަނީ 500 ޑޮލަރެވެ.

ޑޮލަރު ގަތުމަށް އޮންލައިންކޮށް ޑޮލަރަށް ފައިސާ ދެއްކުމުން، ފުރަން ދާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ގޭޓް 4 ގެ ކުރިމަތީގައި ބީއެމްއެލް އިން ގާއިމުކޮށްފައިވާ ކައުންޓަރުތަކުން ޑޮލަރު ދޫކުރާނެ އެވެ.

އޮންލައިންކޮށް ބުކިން ނުހެދޭ މީހުންނަށް ބީއެމްއެލްގެ ކޮންމެ ބުރާންޗަކުން ވެސް ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި އެކަމަކު މިގޮތަށް ޑޮލަރު ދޫކުރުމުގައި އިސްކަން ދެނީ އުމުރުން ދުސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޑޮލަރު ގަތުމަށް ބޭންކަށް ދާ މީހުން ގިނަވެ އާންމުންނަށް ވަރަށް ބޮޑަށް ދަތިވާން ފެށުމުން އެއާޕޯޓުން ޑޮލަރު ދޫކުރާ ގޮތަށް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހު އެވެ.