ގާނޫނު ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާނަން: ރައީސް
ގާނޫނު ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާނަން: ރައީސް

ގާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ދާދިފަހުން ޒުވާން އަންހެނަކު ގެއަކުން ވެއްޓުނު މައްސަލައާ ސިޔާސީ މަގާމެއްގައި ތިބި ބަޔަކާ ގުޅުން އޮތް ކަމަށް ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒު ކުރުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ތަފާތެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެއްވެސް މީހެއްގެ ނަސަބަކަށް ނުވަތަ މަގާމަކަށް ނުވަތަ މުއްސަނދި ކަަމަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ބަލައިގެން ތަފާތުކުރުމެއް ނޯންނާނެ ކަމަށެވެ.

"ރަހުމަތްތެރި ކަމަކަށް އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫން ވެސް ކަމަކަށް ބަލައި މި ކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

އެ މައްސަލާގައި އަނިޔާވި އަންހެން ކުއްޖާ އެންމެ ފުރަތަމަ ދިޔައީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެ، މއ. މާންދުގެދެކުނުގެއަށެވެ. އެއީ އަމީންގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ތިން މީހުންގެ ރަޖިސްޓްރީގައި އޮންނަ ގެއެކެވެ. އޭނާ ވެއްޓުނީ އެގެއިން ނިކުމެގެން އެހެން ގެއަކަށް ގޮސް އުޅެނިކޮށެވެ.

އެގޭގައި އޮތް ހަފުލާއެއްގައި އަމީންގެ އެއްބަނޑުއެއްބަފާ ދެ މީހުންގެ ދެ ދަރިން ވެސް ތިއްބެވެ. އޭގެ ތެރެއިން އިޒުދިޔާން މުހައްމަދު މައުމޫނު މިހާތަނަށް ހުރީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިކްގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ. އެމައްސަލަ ފެންމަތިވިތާ ހަފުތާއެއް ވެފައި ވަނިކޮށް އިޒުދިޔާން މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އޭނާގެ އިތުރުން، އެ މައްސަލާގެ ބައިވެރިވި ކަމަށް ތުހުމަތުވާ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ކަމަށްވާ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ ދާއޫދު އަހުމަދު ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފަ އެވެ. އެކަމަކު، އެ މައްސަލާގައި ދާއޫދަށް ތުހުމަތެއް އޮތް ކަމަކަށް ފުލުހުން ނުބުނެ އެވެ.