ކުއްޖާ ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރައުދު ހައްޔަރުކުރަނީ
ކުއްޖާ ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރައުދު ހައްޔަރުކުރަނީ

ޒުވާން އަންހެނަކު ގުދަނެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގަށް، އޭނާއާ އެކު އެންމެ ފަހު ވަގުތާ ހަމައަށް އުޅުނު ޒުވާނާ ހައްޔަރު ކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅުމައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ރޭގެ އެއްވުމުގައި އުޅުނު އެންމެންގެ ވަނަވަރާއި ސިއްރު ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ސީސީޓީވީ ފޫޓޭޖުތައް ވެސް އާންމުކޮށްފަ އެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި އަންހެން ކުއްޖާ ވެއްޓުމާ ހަމައަށް އޭނާއާ އެކު އެންމެ ގާތުގައި އުޅުނީ ގ. އެރިއަދޫ، ރައުދު އަހްމަދު ޒިލާލެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، އަންހެން މީހާ ވެއްޓުނު މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމުން "ކޮރޮބޮރޭޓް ކުރުމުގައި" މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.

ރައުދުގެ ވާހަކަތަކުގައި ފުށުއެރުންތައް ހުރުމުން އޭނާ ހައްޔަރު ކުރުމުގެ އަމުރު މިހާރު ލިބިފައިވާ ކަމަށް ނަވީން ވިދާޅުވި އެވެ. އަދި އޭނާގެ ފޯނާއި ޕާސްޕޯޓް ވެސް މިހާރު ހިފަހައްޓާފައިވާ ކަމަށް ވިދާޅުވި އެވެ.

ޕްރެސް ކޮންފަރެންސްގައި، މީގެ ކުރިން ނޫސްވެރިންނަށް ވަކިން ދެއްކި ވީޑިއޯ ފުޓޭޖްތައް އާންމުކޮށް ދައްކާފައި ވާއިރު ފުލުހުން ބުނި ގޮތުގައި އެ ވީޑިއޯތަކުން ވެސް ފެންނަ ގޮތަށް، ހާދިސާ ހިނގި ވަގުތު އެ ދެ ޒުވާނުން ނޫން މީހަކު ގޭތެރެއަކުން ނުފެނެ އެވެ. އޭގައި ފެންނަނީ އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާ ގޭތެރޭގައި ސިޑިން މައްޗަށް އަރައި ފައިބައި އުޅެނިކޮށާއި ގައިގޯޅިކޮށް އުޅުނު ބައެއް މަންޒަރުތަކެވެ.

ފުލުހުން ބުނި ގޮތުގައި މި ދެ މީހުންނާ އެކު ދެން އުޅުނު މީހުންނަކީ ކޮބައިތޯ ބެލި އިރު، އިތުރު ހަތް މީހަކު މި މީހުންނާ އެކު އެ ރޭ 12:00 ހާއިރު މާންދޫގެ ދެކުނު ބަޔަކަށް ވަންނަތަން ފެނެ އެވެ. އެ އެންމެން ދެނެގަނެ މިހާރު ބަޔާން ވަނީ ނަގާފައި ކަމަށާއި އެ އެންމެންގެ މައްސަލަ ބަލާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި ރައުދުގެ ފޯނާއި މި އެންމެންގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.